އަނިޔާވެރިކަމާއި، ލާއިންސާނިއްޔަތުކަން އިންތިހާ ދަރަޖައިގައި ހުރި އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވާ ދައުވާތަކުން ސަލާމަތްވުމުގެ ފުރުސަތު ކުޑަކަމަށް ބެލެވޭތީ އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ނަތަންޔާހޫގެ ފަރާތުން ހުށަހަޅައިފިއެވެ.

އިސްރާއީލްގެ ޕްރޮސެކިއުޓަރ ޖެނެރަލް ނަތަންޔާހޫ އާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާއިރު ނަތަންޔާހޫ ބޭނުންވަނީ ދައުވާތަކަށް އިއުތިރާފު ވުމާއިއެކު އަދަބެއްގެ ގޮތުން އިޖުތިމާއީ ހިދުމަތް ކުރުމެވެ. އެފަދަ އެއްބަސްވުމެއް ހަދައިފިނަމަ ހަތް އަހަރު ދުވަހަށް ސިޔާސީ މަގާމެއް އަދާކުރުމުގެ ފުރުސަތު އޭނާ އަށް ބަންދުވާނެއެވެ. އެހެންކަމުން ޖަލު ހުކުމުން ސަލާމަތްވި ނަމަވެސް ނަތަންޔާހޫގެ ސިޔާސީ ކެރިއަރު އެހައި ހިސާބުން ނިމުނީ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިސްރާއީލްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ނަތަންޔާހޫ ބޭނުންވި ނަމަވެސް އެފަދަ އެއްބަސްވުމެއް ހަދަން ނަތަންޔާހޫގެ އަނބިމީހާ ސާރާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭއެފްޕީ އިން ބުނާ ގޮތުގައި ނަތަންޔާހޫގެ އިއުތިރާފުގެ އެއްބަސްވުމުގައި މިހަފްތާގައި ސޮއި ކުރާނެ ކަމަށް ބެލެވެއެވެ.

12 އަހަރު ވަންދެން އިސްރާއީލްގެ ބޮޑުވަޒީރުކަން ކުރި ނަތަންޔާހޫގެ ވެރިކަން ވެއްޓުނީ ޖޫން މަހުއެވެ. އެއީ ސަރުކާރެއް އެކުލަވާލަން ހަތަރު އިންތިހާބަށް ފަހު ވެސް ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ގަބޫލު ކުރުމާއި އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ ކުރުން އެކަށީގެންވާ ކަމެއް ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް ވެސް ހިމެނެއެވެ.

ނަތަންޔާހޫ އަކީ މިހާރު ވެސް އިސްރާއީލްގެ އިދިކޮޅު ލީޑަރެވެ. އޭނާ އިއުތިރާފުގެ އެއްބަސްވުމަކަށް އައިސް ދައުވާތަކަށް އިއުތިރާފުވެ ސިޔާސީ ދާއިރާއިން އެއްފަރާތައް ދާން ޖެހިއްޖެނަމަ އެއީ އޭނާގެ ސިޔާސީ ވާދަވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެއެވެ.