މި އަހަރު އޮންނަ ބެއިޖިން ވިންޓާ އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގޮވާލައި ޗައިނާއާ ދެކޮޅަށް އިންޑޮނޭޝިއާގެ ދަރިވަރުންތަކެއް ނުކުމެ މުޒާހަރާ ކޮށްފިއެވެ.

ޖަކާޓާގައި ހުންނަ ޗައިނާގެ އެމްބަސީ ކުރިމަތީގައި ހުކުރު ދުވަހު ބޭއްވި މި އެއްވުމުގައި އިސްލާމިކް ސްޓޫޑަންޓް އެލަޔަންސް (އޭއެމްއައި)ގެ ބެލުމުގެ ދަށުން އެކި ކެމްޕަސްތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެ ދަރިވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ހިއުމަން ރައިޓްސް އޯގަނައިޒޭޝަން އެމްނެސްޓީ އިންޓަނޭޝަނަލް އިން ޗައިނާގެ ޒިންޖިއާންގައި އިންސާނިއްޔަތާއި ހިލާފަ ޖަރީމާތަކެއް ހިންގަމުންދާ ކަމަށް ބުނެ އަޑުުއުފުލަމުންދަނީ، އެކަށީގެންވާ ސަބަބެއް ނެތި މީހުން ހައްޔަރުކުރުމާއި، ޖަލަށްލުމާއި، އަނިޔާކުރުމާއި، އަންހެނުންނާއި ކުޑަ ކުދިން ރޭޕްކުރުން ފަދަ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ ގިނަ ހެކިތަކެއް ހުށަހަޅައިގެން" ކަމަށެވެ.

އެމްނެސްޓީގެ ރިޕޯޓުތަކާއި ހަވާލާދީ އެ ދަރިވަރުން ނެރުނު ބަޔާނުގައި ބުނީ ޒިންޖިއާންގްގައި ދިރިއުޅޭ މުސްލިމް އުއިގާ ދަރިކޮޅުގެ މީހުންނަކީ އެމީހުންގެ އަމިއްލަ ގައުމުގެ ރައްޔިތުން ކަމުގައި ވީ ނަމަވެސް، ދުނިޔެއިން ނެތިކޮށްލަން އަމާޒު ހިފާފައިވާކަން ހާމަވެގެންދާ ކަމަށެވެ.

އިސްލާމިކް ސްޓޫޑަންޓް އެލަޔަންސް (އޭއެމްއައި) ގައި ހިމެނޭ ގްރޭޓާ ޖަކާޓާގެ އެކި ކެމްޕަސްތަކުގެ ދަރިވަރުން އިންޑޮނޭޝިއާއިން 2022 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގޮވާލައިފައެވެ. އަދި އެ ދަރިވަރުން ވަނީ ޒިންޖިއާންގައި އަންހެނުންނާއި އުއިގާ ދަރިކޮޅުގެ މީހުން ރޭޕްކުރުން ފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ޗައިނާއަށް ގޮވާލައިފައެވެ.