އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ކުރިމަތިވެފައިވާ "ޕާޓީގޭޓް" މައްސަލަ އަނެއްކާވެސް އިތުރަށް ގޯސްވެއްޖެއެވެ. މައްސަލަ ގޯސްވީ މެއި މަހު ބޮޑުވަޒީރުގެ ގަނޑުވަރު ޑައުނިން ސްޓްރީޓް ނަމްބަރ 10 ގައި ޕާޓީ ބޭއްވިކަން ބޮޑުވަޒީރަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވުމުންނެވެ.

ބޮޑުވަޒީރު ޖޯންސަން އާއި އަދި ގަނޑުވަރުން ވެސް ވިދާޅުވީ މެއި މަހު ބޭއްވި ޕާޓީގެ ދައުވަތު ފޮނުވުނު ފަރާތްތަކަށް އެދައުވަތު ފޮނުވީ މަސައްކަތު ބައްދަލުވުމެއް ބާއްވަން ކަމަށެވެ.

ނަމަވެސް ބޮޑުވަޒީރު ޖޯންސަންގެ ޕްރައިވެޓް ސެކްރެޓަރީ އޮފިޝަލުންނަށް ފޮނުވި އީމެއިލްގައި ބުނެފައި ވަނީ މެއި 20 ވަނަ ދުވަހު ގަނޑުވަރަށް ވަޑައިގަންނަވާ ބޭފުޅުންނަށް "ބީވައިއޯބީ"ގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއީ އަމިއްލައަށް ބަނގުރާ ފުޅި ގެނެސްގެން ޕާޓީ ކުރުމުގެ ދައުވަތު ދިނުމަށް ބޭނުން ކުރާ ބަހެކެވެ.

މިހާރު ޑައުނިން ސްޓްރީޓްގެ ޗީފް އޮފް ސްޓާފްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ޑޮމިނިކް ކަމިންސް ވިދާޅުވާ ގޮތުގައި މެއި 20 ވަނަ ދުވަހު ޕާޓީއެއް ގަނޑުވަރުގައި ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެމައުލޫމާތު ބޮޑުވަޒީރު ޖޯންސަން އާއި އޭނާ ހިއްސާކުރެއްވި ކަމަށެވެ. އަދި ޖޯންސަންގެ ޕްރައިވެޓް ސެކްރެޓަރީ ފޮނުވާ ދައުވަތެއްގެ މައުލޫމާތު ބޮޑުވަޒީރަށް އެނގިވަޑައިނުގެން އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ކަމިންސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ވަރުގަދަ ފިޔަވަޅުތައް އަޅައި ޕާޓީތަކާއި އަދި ގިނަ މީހުން ބައިވެރިވާ އިވެންޓްތައް މަނާކޮށްފައި ވަނިކޮށް ބޮޑުވަޒީރު ޖޯންސަން ޕާޓީތަކެއް ބޭއްވި މައްސަލަ ހޫނުވެ ބޮޑުވަޒީރުގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ޖޯންސަން ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ.