އެމެރިކާގެ ވަރުގަދަ ސިޓީއެއްކަމުގައިވާ ނިއު ޔޯކުގެ އުސް އިމާރާތެއްގެ ޑަސްޓްބިން ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ. މި މީހާ މަރުވެފައި އޮއްވާ ފެނުނީ މި ހަފްތާގެ އަންގާރަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ނިއު ޔޯކް ސިޓީގައި ހުންނަ ޔޫނިއަން ސްކޮޔަރ ގައި ހުންނަ ޒެކެންޑޯފް ޓަވަރުގެ ޑަސްޓްބިނެއްގެ ތެރެއިންނެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ޑަސްޓްބިނެއްގެ ތެރޭގައި މީހަކު އޮއްވާ ފެނިގެން އެންމެ ފުރަތަމަ ފެނިފައިވަނީ އަންގާރަ ދުވަހު، އެމެރިކާ ގަޑިން ހަވީރު 4:55 ހާއިރުއެވެ. އަދި، މިކަން ފުލުހުންނަށް ރިޕޯޓުކުރުމާ ހަމައިން، ފުލުހުންނާއި ޕެރަމެޑިކުން އެތަނަށް އައިސް، އެސަރަޙައްދުގައި ހަރަކާތްތެރިވާން ފެށިކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ އުމުރުން 48 އަހަރުގެ މީހެކެވެ. މިކަން، ނިއު ޔޯކު ޕޮލިސް ޑިޕާޓްމަންޓުންވެސް ޚަބަރު ފަތުރާ ވަސީލަތްތަކަށް ކަށަވަރުކޮށްދީފައިވެއެވެ. އެހެންނަމަވެސް، އެމީހާއަކީ ކާކުކަމެއް ނުވަތަ އެމީހާގެ ނަމެއް، ފުލުހުން އާއްމުކޮށްފައި ނުވެއެވެ.

ހަމައެހެންމެ، އެމީހާ މަރުވާން ދިމާވި ސަބަބުކަމަށް ބެލެވޭ އެއްވެސް ސަބަބެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ މަރުވެފައިވާ އޮއްވާ ފެނުނު އިމާރާތަކީ ކުރިން، އެޤައުމުގެ ވަރަށް ވަރުގަދަ ސިޔާސީ ފަރާތްތައް ދިރިއުޅުނު އިމާރާތެކެވެ. އެގޮތުން، ކުރިން އެޤައުމުގެ ސްޓޭޓް ސެކެރެޓަރީކަން ކުރައްވާ، ރިޔާސީ އިންތިޙާބުގައިވެސް ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އިސް އެހީތެރިއެއް މި ގޭގައި އުޅުނުކަމަށްވެއެވެ. ހަމައެހެންމެ، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންވެސް، އިމާރާތުގައި އުޅުނުކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ތިވާނީ އައި އެސް ގެކަމަކަށް ، އަވަހަށް އިސްލާމީ ޤަޥްމެއް ސުންނާފަތި ކޮށްލާ !

  2. ބަކުރު

    ތި ގޭގައި އަންނި އާއި ޔާމީނު ވެސް އުޅުނު..