ޔަމަންގައި ވަކި ދައުލަތެއް ގާއިމު ކުރުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިން ޔޫއޭއީގެ ވެރިރަށް އަބޫދާބީ އަށް ޑްރޯން ހަމަލާއެއްދީ ތިން މީހުން މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީން ވަނީ މިއަދު އަބޫދާބީއަށް ދެހަމަލާއެއް ދީފައެވެ. ފުރަތަމަ ހަމަލާ ދިނީ ތެޔޮ އުފައްދާ ކާރުހާނާއަކަށެވެ. އެހަމަލާގައި ތިން މީހުން މަރުވިއެވެ. ދެވަނަ ހަމަލާ އަމާޒުކުރީ އަބޫދާބީގެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ޔޫއޭއީގެ ފުލުހުން ބުނާ ގޮތުގައި އަބޫދާބީގެ ތެޔޮ އުފައްދާ ކާރުހާނާއަކަށް ދިން ޑްރޯން ހަމަލާގައި މަރުވެފައި ވަނީ އިންޑިއާގެ ދެމީހަކާއި ޕާކިސްތާން މީހެކެވެ.

ޔޫއޭއީ އަށް އަމާޒުކުރި ހަމަލާތަކުގެ ޒިންމާ އުފުލައި ހޫތީން ނެރުނު ބަޔާނެއްގައި ބުނީ އެޖަމާއަތުގެ "އަސްކަރީ އޮޕަރޭޝަނެއް" ޔޫއޭއީގައި ހިނގަމުންދާ ކަމަށެވެ. ހޫތީން ބުނާ ގޮތުގައި ޔޫއޭއީ އަށް އެޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ފަސް މިސައިލް ހަމަލާ އާއި އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޔޫއޭއީ އަށް އިތުރު ހަމަލާތައް ދޭނެ ކަމަށް ހޫތީން ބުނެއެވެ.

ހަމަލާ އާއި ގުޅިގެން ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހޫތީން ދިން ނިރުބަވެރި ހަމަލާގެ ބަދަލު ޔޫއޭއީ އިން ނުހިފާނެ ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ. އެހަމަލާގެ ބަދަލު ހިފައި ހަމަލާ ދިން މީހުންނަށް "އަދަބު ދޭނެ" ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޔޫއޭއީ އަކީ ޔަމަންގައި ހަރަކާތްތެރިވާ ހޫތީން ބަލި ކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ކުރަމުން ގެންދާ ހަނގުރާމައިގެ އެންމެ މުހިއްމު ބައިވެރިޔާ އެވެ. ސައުދީ އަރަބިއްޔާގެ ސިފައިންގެ އިތުރުން ހޫތީންނާއި ދެކޮޅު ހަނގުރާމައިގައި ދެން އެންމެ ގިނައިން ބައިވެރިވަނީ ޔޫއޭއީ ސިފައިންނެވެ.

ހޫތީން މިއަދު ދިން ހަމަލާގެ ސަބަބުން ޔަމަންގައި ހަރަކާތްތެރިވާ ހޫތީންގެ އަސްކަރީ ބާރު ވަރުގަދަ ވަމުން އަންނަކަން ކަށަވަރު ވެއްޖެކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. މިއީ މިހާތަނަށް ހޫތީން އެހެން ގައުމަކަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދަނީ އީރާނުންނެވެ. ނަމަވެސް އީރާނުން އެތުހުމަތުތައް ދޮގު ކުރެއެވެ.