ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަ ކޮށްފައި ވަނިކޮށް އެމެރިކާ ސިފައިންގެ އެންމެ އިސްވެރިޔާ ޖެނެރަލް މާކް މިލޭ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޖެނެރަލް މާކް އަކީ އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަންއެވެ. ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަނަކީ އެމެރިކާ ސިފައިންގެ ހުރިހާ ލަޝްކަރެއްގެ އެންމެ އިސްވެރިޔާއެވެ. އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް ވެސް ޖަވާބުދާރީވާން ޖެހޭނީ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް މާކް އަށެވެ.

ޖޮއިންޓް ސްޓާފްގެ ތަރުޖަމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖެނެރަލް މާކް ކޮވިޑް-19 އަށް ފައްސިވީ އާދީއްތަ ދުވަހު ކަމަށެވެ. ޖެނެރަލް މާކް ކޮވިޑަށް ފައްސިވި ނަމަވެސް އޭނާގެ ކިބައިން ފެންނަނީ ވަރަށް ކުދިކުދި އަލާމާތްތަކެއް ކަމަށާއި ކޮވިޑަށް ފައްސިވި ނަމަވެސް އޭނާ އަސްކަރީ ޑިއުޓީ އަދާކުރައްވަމުން ގެންދަވާނެ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ. ތަރުޖަމާން ވިދާޅުވީ ޖެނެރަލް މާކް ކޮވިޑުން ރަނގަޅު ވަންދެން މަގާމުގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާނީ އެކަހެރި ތަނެއްގައި ހުންނަވައިގެން ކަމަށެވެ.

ޖެނެރަލް މާކް އެންމެ ފަހުން ބައިވެރިވެ ވަޑައިގެންނެވި އާއްމު އެއްވުމަކީ މިދިޔަ ހަފްތާގައި އޮތް ރިޓަޔާޑް ޖެނެރަލް ރޭމަންޑްގެ ޖަނާޒާއެވެ. އެޖަނާޒާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ބައިވެރިވިއެވެ.

އެމެރިކާގެ ޖޮއިންޓް ޗީފުންގެ ގޮތުގައި އަށް ޖެނެރަލުން ތިއްބަވައެވެ. އަށް ޖެނެރަލުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވީ ޖެނެރަލް މާކް އެކަންޏެވެ. އަށް ޖެނެރަލުން ވެސް ގަވައިދުން ބައްދަލު ކުރައްވާ އަސްކަރީ މަޝްވަރާތައް ބާއްވަވައެވެ. ނަމަވެސް އިތުރު ޖޮއިންޓް ޗީފަކު ކޮވިޑަށް ފައްސިވެފައި ނުވާކަމަށް ޕެންޓަގަން އިން ބުނެއެވެ.

އެމެރިކާގެ ޑިފެންސް މިނިސްޓަރ އޮސްޓިން ވެސް މިމަހުގެ 02 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވިއެވެ. ކޮވިޑުން ރަނގަޅުވެ އޭނާ ޕެންޓަގަންގެ ވަޒީފާ އަށް އަލުން ނިކުންނަން ފެއްޓެވީ މިދިޔަ ހަފްތާގައެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުލިބޭ ތިއެއް

    ދެން ސޯލިހުބެ މިކިޔަނީ ކީކޭތެ

  2. ރާޝިދާ

    ވެކްސިން ޖެހުނުލެ މަދީ އަދިވެސް.

  3. ޖ

    ތިނެތިޖެހިޔަސް ވާކަމެއްހަރާން މިވެކުސިނަކީ ބަޔަކުމީހުން ވިޔަފާރިޔައް ކުރާވަރައްނޭދެވޭ އަމަލެއް