ޓޮންގާގައި މިދިޔަ ހޮނިހިރު ދުވަހު ގޮވާފައި ވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި ގޮވި އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

ފަރުބަދަ ގޮވުމުގެ ހާދިސާގެ ޖައްވީ ފޮޓޯތައް ދައުރުވަމުންދާއިރު މި ފޮޓޯތަކުން ފަރުބަދަ ގޮވުމުގެ ހާދިސާގެ ބޮޑުކަން އަދި ދުރަށް ފެތުރިފައިވާ މިންވަރު ހާމަވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ގޮވުމާއެކު 20 ކިލޯމީޓަރު (12.4 މޭލު) ގެ ބާރުމިނުގައި ޖައްވުގެ ތެރެއަށް އަޅި، ގޭސް އަދި ހޫނުގެ ބިޔަ ކަނިތައް ބޭރުވެގެން ދިޔަކަން ފޮޓޯތަކުން ހާމަވެއެވެ.

ނިއުޒީލެންޑުގެ ނުކޫއަލޫފާގައި ހުންނަ ނިއު ޒީލެންޑުގެ ހައިކޮމިޝަނުން ހޯމަ ދުވަހު ބުނީ އުދަ އެރުމާއި އޭގެ ފަހުން އެރި ސުނާމީގެ ސަބަބުން ޓޮންގަ ޓަޕޫގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތަކަށް "ބޮޑެތި ގެއްލުންތަކެއް" ލިބިފައިވާ ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓޮންގާގެ ވެރިރަށް ނުކޫއަލޫފާއަށް ސުނާމީ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން އެމެރިކާގެ ހުޅަނގު އައްސޭރިއާއި ޕެރޫ، ނިއުޒިލެންޑް އަދި ޖަޕާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް ސުނާމީގެ ރާޅުތައް އަރާފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ޕެރޫއަށް އެރި މި ރާޅުތަކުގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފައެވެ.

މި ހާދިސާއާއި ގުޅިގެން އެހީދޭ ޖަމާއަތްތަކުން އެހީދިނުމުގެ މަސައްކަތް ފަށާފައިވާއިރު އެފަރާތުން ބުނަނީ މިހާރު އެންމެ ކަންބޮޑުވާ އެއްކަމަކީ ތަޣައްޔަރުވެފައިވާ ވައި ގެ ސަބަބުން ޓޮންގާގެ ރަށްބޭރުގައިވާ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ސާފު ބޯފެން ލިބުމުގެ ފުރުސަތު ކުޑަވާ މައްސަލަ ކަމަށެވެ.

ސުނާމީގެ ސަބަބުން ގެއްލުންވެފައިވާ ސަރަހައްދުތަކަށް މުވާސަލާތީ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު އޮސްޓްރޭލިއާ އާއި ނިއުޒީލެންޑުން ވަނީ ގެއްލުން ލިބުނު ސަރަހައްދުތައް ސާވޭ ކުރުމަށް ފްލައިޓްތަކެއް ފޮނުވާފައެވެ.

އެ ގައުމަށް ކުރިމަތިވި މި ހާދިސާއެކު، އެތައް ބަޔަކު ތިބީ މިއަދުވެސް ދަތިހާލުގައެވެ. އަދި އެތައް ބަޔަކު ހާސް ކަމެއްގެ ތެރޭގައި ތިބި ކަމަށް ބުނެފައި ވެއެވެ.