ސްރީލަންކާއަށް ކަރަންޓްގެ ހިދުމަތް ދޭން ބޭނުން ކުރާ ތެޔޮ މިއަދު ހަވީރުގެ ނިޔަލަށް ހުސްވާނެ ކަމަށް ސިލޯންގެ އިލެކްޓްރިސިޓީ ބޯޑް (ސީއީބީ)ން ބުނެފިއެވެ.

ސީއީބީން ބުނީ ތެޔޮ ހުސްވާނީ އެގައުމު ގަޑިން މިއަދު ހަވީރު 5:00ގައި ކަމަށެވެ.

އަދި މާދަމާ އިން ފެށިގެން މުޅި ގައުމު އޮންނާނީ ކަނު އަނދިރީގައި ކަމަށް ސީއީބީން ބުނެފައި ވެއެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ޖަތިކާ ސެވަކާ ސަންގަމާޔާ ވިންގް (ޖޭއެސްއެސް) ގެ ސެކްރެޓަރީ އާނަންދާ ޕަލިތާ ޑެއިލީ މިރޯ އަށް ވިދާޅުވީ، އެ ގައުމުގެ އެނަރޖީ މިނިސްޓަރ އުދަޔާ ގަމަންޕިލާ އިއްޔެ ދެއްކެވި ވާހަކަފުޅަށް ބަލާއިރު، މާދަމާގެ ނިޔަލަށް މުޅި ގައުމު ކަނު އަނދިރީގައި އޮންނަން ޖެހޭ ކަމަށެވެ.

"މާދަމާގެ ކަރަންޓު އުފެއްދުމަށް 2000 މެޓްރިކް ޓަނަށްވުރެ ގިނަ ތެލާއި، ޑީސަލް ފިއުލް ބޭނުންވާނެ. އަޅުގަނޑުމެންނަށް އެކަށީގެންވާ މިންވަރަކަށް ސްޓޮކް ފޯރުކޮށް ނުދެވޭ ނަމަ، އިތުރު ފެކްޓްރީތަކާއި ކުންފުނިތަކުން މާދަމާއިން ފެށިގެން އޮޕަރޭޝަންތައް ހުއްޓާލަން ޖެހިދާނެ". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ހާލަތެއް ގައުމަށް އަތުވެދާނެ ކަމަށް ކުރިންވެސް އެފަރާތްތަކުން އިޝާރާތްކުރެއްވި ނަމަވެސް މިނިސްޓަރު އެއިރު ވިދާޅުވީ، އެ ވާހަކަތައް އެގޮތަށް ދައްކަމުން ދަނީ އެއްވެސް އެއްޗެއް ނޭނގި ތިބެ ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓަރ އިއްޔެ ވަނީ އެ ވާހަކަތައް ދައްކާފައެވެ.

ސީއީބީގެ އެޑިޝަނަލް ޖެނެރަލް މެނޭޖަރު އަދި މީޑިއާ ސްޕޯކްސްމަން އެންޑްރޫ ނަވާމާނީ ވިދާޅުވީ، މިއަދު ހަވީރު ކަރަންޓް ކަނޑާލަން ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ސީއީބީން މަސައްކަތް ކުރަނީ ޑީސަލްގެ ބާކީ ސްޓޮކްގެ ބޭނުން ހިފުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޕުގަސަންޑާ ތަރމަލް ޕަވަރ ސްޓޭޝަން މިހާރުވެސް ހުއްޓިފައިވާއިރު، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ)ން ވަނީ އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

ދިވެހިންގެވެސް ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ލަންކާ ސަރުކާރުން މީގެ ކުރިން ބުނީ އެގައުމަށް ކުރިމަތިވެފައިވާ ބޭރުފައިސާ ލިބުމުގެ ތާށިކަމާއި ގުޅިގެން ތެޔޮ ގަތުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޙަސަނުލް

  އަދި ވެސް ދިވެހިރާއްޖޭގެ ތަރައްޤީ ހުޢްޓުވޭތޯ ބަލާ އިންޝާ ﷲ ތި ޙާލަތަށް އިންޑިއާ ވެސް ވެއްޓޭނެ އަދި ރާއްޖޭގެ ޚާއިނުންވެސް ވެއްޓޭނެ

  3
  2
 2. މޯދި

  ވަގުތު ނޫސް އަކީ އަބަދުވެސް ރައްޔިތުންނަށް ދަތިކަން ތައްތައް ދިމާވުމުން އެކަމެއް ގައި އިސްނަގާ އެހީތެރިކަން ފޯރުކޮއް ދޭބައެކެވެ. . އަވައްޓެރި ސްރީ ލަންކާޔައް ދިމާވެގެން މިއުޅޭ ތެލުގެ މައްސަ ލާގައި ވަގުތު އިސްނެން ގުމާއި އެކު ކޮއްމެވެސް ވަރެއްގެ އެހީތެރި ކަމެއް ދިވެހިންގެ ފަރާތުން ފޯރުކޮއް ދެވޭތޯ ބެލުމަކީ ގިނަބަޔަކައް ލިބިގެންދާނެ ހިންހަމަޖެހުމެކެވެ.

  5
  1