ސްރީލަންކާއިން މިއަދު 500 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ދައްކާފައިވާ ކަމަށް ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަޖިތު ނިވާރްދް ކެބްރާލް ވިދާޅުވެއްޖެއެވެ.

ލަންކާއިން މިއަހަރުގެ ތެރޭގައި ދައްކަންޖެހޭ ދެ އިންޓަނޭޝަނަލް ސޮވެރިން ބޮންޑް (އައިއެސްބީ) އަނބުރާ ދައްކަން ޖެހޭއިރު، 500 މިލިއަން ޑޮލަރުގެ ފުރަތަމަ ބޮންޑު މިއަދު ވަނީ ދައްކާފައެވެ. ރިޕޯޓުތައް ބުނާގޮތުން ބާކީ 1 ބިލިއަން ޑޮލަރު ދައްކަން ޖެހެނީ ޖުލައި މަހުއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލަންކާއަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްލިބި، ކާރިސާއަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެގައުމުގެ ދަރަނިތައް އަދާކުރެވޭނެ ކަމުގެ ގާބިލްކަމާއިމެދު ވެސް ވަނީ ޝައްކު އުފެދިފައެވެ.

2007 ވަނަ އަހަރުން ފެށިގެން ސްރީލަންކާއިން އަންނަނީ ތަކުރާރުކޮށް ދަރަނި ނަގަމުންނެވެ. އެ ގައުމުގެ ބޭރުގެ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސޮވެރިން ބޮންޑް (އައިއެސްބީ) ގެ ދަރަނި ވެސް ވަނީ 11.8 ބިލިއަން ޑޮލަރަށް ބޮޑުވެފައެވެ.

އެގައުމުގެ ދަރަނީގެ ދެވަނައަށް އެންމެ ބޮޑުބައެއް ހިއްސާ ކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިންނެވެ. އެ ބޭންކުން ލަންކާއަށް 4.6 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމާއެކު ދަރަނީގެ ހިއްސާއޮތް މިންވަރު ވަނީ 14.3 އަށް އަރާފައެވެ. މީގެ އިތުުރުން އެ ގައުމުން ޖަޕާނަށް ދައްކަން ޖެހޭ ދަރަނީގެ މިންވަރު 10.9 އިންސައްތައިގައި އަދި ޗައިނާގައި 10.8 އިންސައްތައިގައި އޮތް އިރު، ކޮންމެ ޤައުމަކުން ވެސް އެ ގައުމަށް 3.5 ބިލިއަން އެމެރިކާ ޑޮލަރު ގެ ލޯނެއް ވަނީ ދީފައެވެ.

ގައުމުގެ ހާލަތު މިހާ ގޯސްވެފައިވަނިކޮށް، އެގައުމުން ކަރަންޓްގެ ހިދުމަތް ދޭން ބޭނުން ކުރާ ތެޔޮ މިއަދު ހަވީރުގެ ނިޔަލަށް ހުސްވާނެ ކަމަށް ސިލޯންގެ އިލެކްޓްރިސިޓީ ބޯޑް (ސީއީބީ)ން ވަނީ ބުނެފައެވެ. އަދި މާދަމާ އިން ފެށިގެން މުޅި ގައުމު އޮންނާނީ ކަނު އަނދިރީގައި ކަމަށް ސީއީބީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުކުމް

    ދުވެހިރާއްޖެ ދަރަނި؟

  2. ޢާދަނުބެ

    ކޮބާ ބޮޑު ފާދިރި ބޮޑުބަލާ ސޭނާ މުސްކިމުންނަށް އަނިޔާދޭންގޮވާލާ މާ ބާރުގަދަ މީހަކަށްވެގެން އުޅުނު މީހާ ކިހިނެތްބާ ހަދަނީ

  3. ޢެލީސާ

    ލަންކާ މީހުން ބުނާގޮތުން ސިޔާސީ މީހުން ލާރިގަނޑު ކާލަނީ މި ދިވެހި ރާއްޖެޔަށްވެސް ވަންނަހާ ލާރި ވާތަނެތް ނޭނގޭ ރައީތު މީހާ ލާ ޖަންގިޔާ ގަނޑުވެސް ޓެކްސް ނަގާ