ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޓޮންގާގައި އުފެދިފައިވާ ބިޔަ އަލިފާން ފަރުބަދަ ގޮވައި، އެގައުމަށް އެރި ސުނާމީގެ ސަބަބުން މުރަކަ ފަރުތަކަށް ދިގު މުއްދަތަކަށް ގެއްލުންވެ، ގޮނޑުދޮށްތައް ހަލާކުވެ، މަސްވެރިކަމަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރު، ސައިންސްވެރިން ދީފިއެވެ.

ހަންގާ ޓޮންގާ-ހަންގާ ހާއަޕާއީ ގޮވުމުގެ ސަބަބުން ސުނާމީ އެއް އެ ގައުމަށް ވަނީ އަރައިފައެވެ. އަދި އެސިޑް ވާރޭ އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޔުނިވާސިޓީ އޮފް އޯކްލޭންޑްގެ ވޮލްކެނޮލޮޖިސްޓެއް ކަމަށްވާ ޝޭން ކްރޮނީން ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި "ޓޮންގާގެ ވަށައިގެން އެސިޑް ވާރޭ ވެހުން އެކަށީގެންވާ" ކަމަށެވެ. އަދި އެސިޑް ވާރޭ ވެހުމުގެ ސަބަބުން ގޮވާމުގެ ބާވަތްތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޓޮންގާއަށް ވައިގެ ބަނދަރުތަކުގެ ރަންވޭއެއްގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރޭލިއާގައި ހުންނަ ޓޮންގާގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ކާރޓިސް ޓޫ އިހަލަންގީ ވިދާޅުވީ، ނިއުޒީލަންޑްގެ ދިފާއީ ބާރު (އެން.ޒެޑް.ޑީ.އެފް)ގެ ރިކުއެންސް ފްލައިޓްތަކުން ނަގާފައިވާ "ބިރުވެރި" ފޮޓޯތަކުން، މެންގޯ އައިލެންޑުގައި މުޅި ވިލެޖް ހަލާކުވެ، ކައިރި އާޓާ އައިލެންޑުގެ ބައެއް އިމާރާތްތައް ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 80 ސެންޓިމީޓަރު (2.7 ފޫޓު) އުސްމިނުގެ ރާޅުތައް ޓޮންގާއަށް އަރާފައިވެއެވެ. އަދި ޓޮންގާއަށް އެރި ސުނާމީގެ އަސަރު ޕެސިފިކް ކަނޑުގެ އަނެއް ބިތުގައި އޮންނަ ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ޗިލީއަށްވެސްވަނީ ކޮށްފައެވެ. ޗިލީގެ އިތުރުން ޖަޕާނަށްވެސްވަނީ އެއް މީޓަރުގެ އުސްމިނުގެ ސުނާމީއެއް އަރައިފައެވެ. މި ސުނާމީގެ އަސަރު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާއަށްކޮށް، ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.