އަބޫދާބީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ސިޓީއަށް ދަތުރުކުރާ ފަރާތްތަކުން ބޫސްޓާ ޑޯޒް ޖަހާފައި ހުރުން މަޖުބޫރުކުރަން ނިންމައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް އެތެރެވާ މީހުން ވެކްސިން ޖަހާފައިވާކަން ކަށަވަރު ކުރާ "ގްރީން ޕާސް" އެއް ދައްކަން ޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ. ހެލްތް އެޕްލިކޭޝަން މެދުވެރިކޮށް އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭތާ މަދުވެގެން ހަ މަސް ފަހުން ބޫސްޓާ ޑޯޒެއް ޖެހުމުން ނޫނީ ޒިޔާރަތްކުރާ މީހުން ފުރިހަމައަށް ވެކްސިން ޖަހާފައިވާ ކަމަށް ބަލައިނުގަންނާނެ ކަމަށެވެ.

މީގެއިތުރުން، އަބޫދާބީއަށް ދަތުރުކުރާ މީހުން އެ ސިޓީއަށް ދަތުރުކުރުމުގެ ދެ ހަފްތާ ކުރިން ކޮވިޑް-19 އަށް ޓެސްޓްކޮށް، ނައްސި ނަތީޖާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

އަބޫދާބީން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކޮށްފައެވެ. އެގޮތުން، އަބޫދާބީގައި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުވަތަ ސަރުކާރުގެ އިމާރާތްތަކަށް ވަނުމުގެ ކުރިން އެމީހެއްގެ ފެހި ފާސް ނުވަތަ ވެކްސިން ޖަހާފައިވާކަން އަންގައިދޭ ލިއުން ދައްކާލަން ޖެހެއެވެ.

ޔޫއޭއީގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު މިދިޔަ ޑިސެމްބަރ މަހު ހުރީ 50 ގައެވެ. ނަމަވެސް، މި ހަފްތާގައި ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މިހާތަނަށް އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2195 އަށް އަރާފައެވެ.

އޫއޭއީގައި 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ފުރިހަމައަށް ވެކްސިން ދީފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން ބުނެފައިވެއެވެ.