ތެޔޮ ލިބުން ދަތިވެ ކަރަންޓް ކަނޑާލަން ޖެހިފައިވާ ސްރީލަންކާ އަށް ބޭނުންވާ ތެލަށް އެގައުމުގެ ސަރުކާރުން ފައިސާ ދައްކައިފިއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް އަށް ދުވަހު ލަންކާ އަށް ބޭނުންވާ ވަރަށް ތެޔޮ ބަރުކޮށް ކޮލަމްބޯ ބަނދަރުގައި އޮތް ދެޓޭންކަރަށް މިއަދު ފައިސާ ދައްކާފައިވާ ކަމަށެވެ. ދެޓޭންކަރު ކޮލަމްބޯ ބަނދަރުގައި އޮތް ނަމަވެސް މިހާތަނަށް އެޓޭންކަރުތަކުން ތެޔޮ ބޭލޭގޮތް ނުވެފައި އޮތީ ތެލަށް ލަންކާ ސަރުކާރުން ފައިސާ ނުދައްކައި އޮތުމުންނެވެ.

ލަންކާގެ ހަކަތަ އާއި ބެހޭ މިނިސްޓަރު މިއަދު ވިދާޅުވީ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ކުރިއަށް އޮތް އަށްދުވަހަށް ބޭނުންވާ ތެޔޮ ގަތުމަށް ޑޮލަރުން މިއަދު ފައިސާ ދައްކާފައިވާ ކަމަށެވެ.

ތެޔޮ ގަތުމަށް ވެސް ލަންކާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޭރު ފައިސާ ލިބުން ދަތިވުމެވެ. މިއަދު ތެޔޮ ގަންނަން ފައިސާ ދެއްކިއިރު ތެޔޮ ލިބުން ދަތިވެ މިހާރު ލަންކާ އިން ކޮންމެ ދުވަހަކު ވެސް ގިނަ ގަޑިއިރުތަކަކަށް ދަނީ ކަރަންޓް ކަނޑަމުންނެވެ.

ލިބޭ އާމްދަނީއަށް ވުރެ ކުރާ ޚަރަދު ބޮޑުވުމުން އިގްތިސޯދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ލަންކާގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ ކޮވިޑް-19 އާއި ގުޅިގެންނެވެ. ކޮވިޑް ކުރިމަތިވީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުމުން އަރައި ގަތުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. ކޮވިޑް ކުރިމަތިވުމާއިއެކު ފަތުރުވެރިކަން ގާތްގަނޑަކަށް ހުއްޓި، އަދިވެސް ލަންކާ އެންމެ ފުރިހަމައަށް ހުޅުވައެއް ނުލައެވެ. އެހެންކަމުން ފަތުރުވެރިން އެގައުމަށް ދަތުރު ކުރުން ވަރަށް މަދެވެ.

ނަމަވެސް ލަންކާ ސަރުކާރުން އުއްމީދު ކުރަނީ މިއަހަރު ފަތުރުވެރިން އެގައުމަށް ޒިޔާރަތް ކުރާ މިންވަރު އިތުރުވެ، ގައުމަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހެއްލެއް ހޯދޭނެ ކަމަށެވެ.