އަފްޣާނިސްތާނުގެ މަސްރަހު ހަމައަކަށް އަދިވެސް ނޭޅޭއިރު މިހާތަނަށް އެގައުމުން ބައިމިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް ޔޫއެން އިން ބުނެފިއެވެ.
ބުދަ ދުވަހު އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން(އައިއެލްއޯ) އިން ނެރުނު ރިޕޯޓެއްގައި ބުނީ އޯގަސްޓް މަހުގެ މެދުތެރޭގައި ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އަފްޣާނިސްތާނުގައި ބައި މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ.
އައިއެލްއޯ އިން ނެރުނު ރިޕޯޓުގައި ބުނީ އެގައުމަށް ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން އިގްތިސޯދު ހުއްޓި، މަސައްކަތްތެރިކަމުގެ ބާޒާރަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ދަނޑުވެރިކަމާއި ސަރުކާރުގެ އެކި ވަޒީފާތަކާއި އިޖުތިމާއީ ހިދުމަތްތަކާއި އިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހުންނަށް މި ހާލަތުގައި ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ
މި ދަނޑިވަޅުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި، ވަޒީފާތަކުން ލިބެންޖެހޭ މުސާރަތައް ނުލިބި އެތައް އާއިލާއެއް ހާލުގައި ޖެހިފައިވާކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ދުވާލެއްގެ މައްޗަށް އެތައް ހާސް އަފްޣާން ރައްޔިތުން ގައުމުން ބޭރަށް ފިލައިގެންދާއިރު މިއީ ގައުމުގެ ކުރިމަގަށް ކުރިމަތިވެފައިވާ ހުރެހެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އދ ގެ ލޭބާ އޯގަނައިޒޭޝަނުން ބުނީ އެކި ދާއިރާތަކުން ވަޒީފާ ގެއްލި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 700،000-900،000 އާ ދެމެދުގެ ވަޒީފާ އެގައުމުން ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
20 އަހަރުވަންދެން އެމެރިކާގެ ހިމާޔަތުގައި އޮތް އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތްދަށަށް ގެނައުމަށްފަހު ގައުމުގެ ކަންކަން ހަމައަކަށް އެޅުމަށް ތާލިބާނުންގެ ސަރުކާރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.