އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު އުސް ސުނާމީއެއް އަރައި ސުންނާފަތިވެފައިވާ ޓޮންގާ އަށް އެކި ގައުމުތަކުން އެހީގެ ތަކެތި ފޮނުވަން ފަށައިފިއެވެ. ޓޮންގާ އަށް އެހީގެ ތަކެތި ފޮނުވަން ފެށިފައި މިވަނީ ސުނާމީ އެރިތާ ތިން ދުވަސް ފަހުންނެވެ. ޓޮންގާ އަކީ ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. ލައްކައެއްގައި މީހުން ދިރިއުޅެމުން އަންނަ އެގައުމަށް ކުރިމަތިވި ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މާބޮޑު ތަފްސީލެއް އަދިވެސް ނުލިބެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޭރުވި އަޅިއާއި ސުނާމީ އާއިއެކު އައި ކުނިތަކުން ޓޮންގާގެ އެއާޕޯޓް ރަންވޭ ސާފުކޮށް ފްލައިޓްތައް ޖެއްސޭ ހާލަތައް ރަންވޭ ގެނައުމުން އެހީގެ ތަކެތި ހިފައިގެން ފުރަތަމަ އެގައުމަށް ދިޔައީ ނިއުޒިލޭންޑްގެ ފްލައިޓެއް ކަމަށެވެ.

ނިއުޒިލެންޑްގެ އަސްކަރީ ފްލައިޓްގައި ވަނީ ފެނާއި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ބައެއް ތަކެއްޗާއި ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރާއި ކޮމިއުނިކޭޝަން އިކްއިޕްމެންޓް ގެންގޮސްފައެވެ. ސުނާމީގެ ސަބަބުން ޓޮންގާ އާއި ފޯނާއި އިންޓަނެޓްގެ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ.

އޮސްޓްރޭލިއާ އާއި ޖަޕާނުން ވެސް މިހާރު ވަނީ ޓޮންގާ އަށް އެހީގެ ތަކެތި ފޮނުވާފައެވެ. ޖަޕާން ސަރުކާރުން ބުނާ ގޮތުގައި އަސްކަރީ ދެފްލައިޓެއްގައި ޓޮންގާ އަށް ވަނީ ފެން ގެންގޮސް ދީފައެވެ. އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެހީގެ ތަކެތި ޓޮންގާ އަށް ފޯރުކޮށްދޭނެ ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.

މިހާރު ނިއުޒިލޭންޑްގެ މަނަވަރެއް ދަނީ ޓޮންގާ އަށް ދަތުރު ކުރަމުންނެވެ. އެމަނަވަރުން 25000 ލީޓަރުގެ ފެން ޓޮންގާ އަށް ގެންދާނެއެވެ. އަދި އެއީ ދުވާލަކު 70000 ލީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ. ޓޮންގާ އަށް ބޭނުންވާ ވަރަށް ފެން ލިބޭނެ އިންތިޒާމްތައް ހަމަޖެހެންދެން މިމަނަވަރު ޓޮންގާގައި ބަނދަރު ކޮށްފައި ބާއްވާނެ ކަމަށް ނިއުޒިލޭންޑުން ބުނެއެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުންނާއި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އދ.އިން ބުނެފައިވާ ގޮތުގައި މިކާރިސާގައި ޓޮންގާގެ އާބާދީގެ %80 އަށް ވަނީ އަސަރު ކޮށްފައެވެ.