އަންނަ މަހުން ފެށިގެން ކަރަންޓީނު ނުވެ ތައިލޭންޑަށް ދެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

ތައިލޭންޑުގެ ސެންޓަރ ފޯ ކޮވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން (ސީސީއެސްއޭ) ބުނެފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން "ޓެސްޓް އެންޑް ގޯ" ސްކީމް ދަށުން އެގައުމަށް އެތެރެ ވެވޭނެ ކަމަށެވެ.

އެގައުމުން އެކަލަވާލާފައިވާ ޓެސްޓް އެންޑް ގޯ ސްކީމް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވަނީ އޮމިކްރޮންގެ ވޭރިއެންޓްތައް އެގައުމުގައި ފެތުރެން ފެށުމާއި އެކީ މީގެ އެއްމަސް ދުވަސް ކުރިންނެވެ.

މި ސްކީމް ހަރުކަށިކޮށްފައި އެގައުމުން ބުނެފައިވަނީ ސްކީމްގެ ދަށުން އެގައުމަށް އެތެރެވާ ފަރާތްތަކުން އެގައުމަށް ފޭބުމާއި އެކީ ޓެސްޓް ހަދަން ޖެހޭނެއެވެ. މި ޓެސްޓް ނައްސިވުމުން އެފަރާތްތަކަށް ބޭރުގައި އުޅެވޭއިރު، ފަސް ދުވަސް ފަހުން އަނެއްކާ ވެސް ޓެސްޓް ހަދަން ޖެހޭނެއެވެ.

މީގެ ކުރިން އޮންނަ އުސޫލުގެ ދަށުން އެގައުމަށް އެތެރެވާ ފަރާތްތަކުން އެގައުމަށް ފައިބާފައި ވަގުތުން ޓެސްޓް ހަދައި ނަތީޖާ ލިބެން ދެން އެއް ރެއަށް ކަރަންޓީނުވާން ޖެހޭނެއެވެ.

ތައިލެންޑްގައި "ޓެސްޓް އެންޑް ގޯ" ޕްރޮގްރާމް ފެށިފަހުން ބެންކޮކް އެއާޕޯޓަް ދުވާލަަކު 30،000 މީހުން އެތެރެވެފައިވެއެވެ. އޭގެ ކުރިން އެ އެއާޕޯޓަށް ދުވާލަކު އެތެރެވަނީ 6،000 އެއްހާ މީހުންނެވެ.

ތައިލޭންޑުން މިހާތަނަށް 2,353,062 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 21,990 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މި ބަލި ޖެހުނު 2,248,341 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު މި ބަލި ޖެހިފައި ތިބީ 82,731 މީހުން ކަމަށް ރިޕޯޓްތަކުން ދައްކައެވެ.