ދުނިޔެ އިން އިއްޔެ 3.6 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެހެންކަމުން އިއްޔެ އަކީ ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން ދުނިޔެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިއްޔެ ކޮވިޑް ޖެހިގެން 9,192 މީހުން މަރުވިއެވެ.

ކޮވިޑް-19 އަށް އިއްޔެ ވެސް އެންމެ ގިނަ މީހުން ފައްސިވެ، އަދި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން އިއްޔެ 692,320 މީހުން ކޮވިޑަށް ފައްސިވެ 2700 މީހުން ކޮވިޑް ޖެހިގެން މަރުވިއެވެ.

ދެވަނަ އަށް އިއްޔެ އެންމެ ގިނަ މީހުން ފައްސިވީ ފްރާންސުންނެވެ. ފްރާންސުން 425,183 މީހުން އިއްޔެ ފައްސިވިއެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން ފައްސިވީ އަވައްޓެރި އިންޑިއާ އިންނެވެ. އިންޑިއާ އިން އިއްޔެ 347,254 މީހުން ކޮވިޑަށް ފައްސިވިއެވެ.

ވަކިވަކި ބައްރުތަކަށް ބަލާއިރު އިއްޔެ ޔޫރަޕުން 1.5 މިލިއަން މީހުން ފައްސިވިއެވެ. އުތުރު އެމެރިކާ އިން 1.2 މިލިއަން، ދެކުނު އެމެރިކާ އިން ވެސް 1.2 މިލިއަން، އޭޝިއާ އިން ވެސް 1.2 މިލިއަން މީހުން އިއްޔެ ފައްސިވިއެވެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓާއި އެކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އޮމިކްރޮން ޖެހޭ މީހުންގެ ހާލު ބޮޑުވާ މިންވަރު މަދު ކަމަށް ސިއްހީ ހިދުމަތްތެރިން ބުނެއެވެ. ނަމަވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވާނަމަ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ ސިއްހީ ނިޒާމަށް ނުކަތާ ވަރުވުމުގެ ބިރު ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ބުނެއެވެ.

އޮމިކްރޮން ވޭރިއަންޓަށް ވުރެ ނުރައްކާތެރި ވޭރިއަންޓެއް ނުފެތުރޭ ނަމަ މިހާރު މިއޮތް ހާލަތުގައި ވެސް ކުރިއަށް އޮތް ދެތިން މަސް ދުވަހު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑްގެ ނުރައްކާތެރި ހާލަތުން ސަލާމަތް ވުމަށް އަދިވެސް ކުރެވެން އޮތް ކަމަކީ ވެކްސިން ފުރިހަމަ ކުރުމެވެ. ވެކްސިންގެ ދެޑޯޒް ޖަހާފައިވާ މީހުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށާއި އޭރުން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މަދުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.