އޮސްޓްރިއާގައި ކޮވިޑް-19 އިން ދިފާއުވާން ވެކްސިން ޖެހުން މަޖުބޫރުކޮށް ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން 4000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރަން ނިންމައިފިއވެެ. 4000 އެމެރިކާ ޑޮލަރަކީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 61800 ރުފިޔާ އެވެ.

އޮސްޓްރިއާގައި ކޮވިޑް ވެކްސިން މަޖުބޫރު ކުރީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ފާސްކުރި ގާނޫނަކުންނެވެ. އެގާނޫނު ފާސްކުރަން ތާއީދުކޮށް 137 މެންބަރުން ވޯޓް ދެއްވިއެވެ. ގާނޫނާއި ދެކޮޅަށް ވޯޓް ދެއްވީ 33 މެންބަރުންނެވެ. ގާނޫނު ފާސްކުރުމާއި ދެކޮޅު ހެދީ އޮސްޓްރިއާގެ ފްރީޑަން ޕާޓީން އެކަންޏެވެ.

ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އަމަލު ކުރަން ފަށާ ގާނޫނު ބުނާ ގޮތުން ކޮވިޑް-19 ވެކްސިން ޖެހުމަކީ އޮސްޓްރިއާގެ އުމުރުން 18 އަހަރު ފުރިފައިވާ ހުރިހާ އެންމެންގެ މައްޗަށް މަޖުބޫރު ކަމެކެވެ. ނަމަވެސް މާބަނޑު އަންހެނުންނާއި އަދި ސިއްހީ ސަބަބެއް މެދުވެރިވެގެން ވެކްސިން ނުޖެހޭނެ ކަމަށް ޑޮކްޓަރުން ނިންމާފައިވާ މީހުން ވެކްސިން ޖެހުން މަޖުބޫރެއް ނުވާނެއެވެ. އެފަދަ ސަބަބެއް ނެތް މީހުން ވެކްސިން ޖަހަން ދެކޮޅު ހަދައިފިނަމަ ޖޫރިމަނާ ކުރާނެއެވެ.

މިގާނޫނުގެ ދަށުން ހުރިހާ ރައްޔިތުންގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް ވެކްސިން ޖަހާ މީހުން ދެނެގަނެ އެމީހުން ވެކްސިން ޖެހި މުއްދަތު އެހެން އިދާރާތަކާއި ހިއްސާ ކުރުމުގެ އިހްތިޔާރު ސަރުކާރަށް ދީފައެވެ. މިގާނޫނަށް އަމަލު ކުރަން އަދި ހަމަޖެހިފައި ވަނީ 2024 ވަނަ އަހަރާއި ހަމައަށެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖެހުން އޮސްޓްރިއާގައި މަޖުބޫރު ކުރަން ސަރުކާރުން ފުރަތަމަ ނިންމީ މިދިޔަ ނޮވެމްބަރ މަހުއެވެ. އެނިންމުމާއި ގުޅިގެން އެގައުމުގެ ވަރަށް ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ވެސް ކޮށްފައެވެ. އޭރު އޮސްޓްރިއާ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މަދުބަޔަކު ވެކްސިން ޖަހާފައިވާ ގައުމެވެ. ނަމަވެސް މިހާރު ވެކްސިން ޖެހި އެގައުމު ރައްޔިތުންގެ ނިސްބަތް ވަނީ %70 އަށް އަރާފައެވެ.

ވެކްސިން ޖެހުން މަޖުބޫރު ކުރަން ބައެއް އެހެން ގައުމުތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގިނަ ގައުމުތަކުގެ ގާނޫނުތައް ހުރި ގޮތުން ވެކްސިން ޖެހުން މަޖުބޫރު ކުރަން ސަރުކާރުތަކަށް ވަނީ ހުރަސްތައް ކުރިމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚުރުސީ

    އޮސްޓްރޭލިޔާގައި ނުކުރާނެ ޖޫރިމަނާއެއް ދިވެހިރުފިޔާއަކުން. އޮސްޓްރޭލިޔަން ޑޮލަރުން ކުރާނީ. ދެން އެއަށް ދިވެހިރުފިޔާ އިން ޖެހޭނީ ގާރްގަނޑަކަށް މިވެނިވަރެކޭ ބުނެވިދާނެ. ކޮންތާކުން ހޯދި އެޑިޓަރެއް ތިޔަ ގެންގުޅެނީ؟

    • ބަބުން

      އޮސްޓްރޭލިޔާއެއް ނޫނޭ ޚުރުސީ

  2. މިތުރާ

    ފެކުނިޔުސް ލޮލް،