ޔަމަނަށް ދިން ވައިގެ ހަމަލާއެއްގައި 70 މީހަކު މަރުވެ 130 މީހަކު ޒަހަމްވެއްޖެއެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުނީ، މި ހަމަލާ ދީފައިވަނީ މިއަދުގެ ވަގުތެއްގައި ޔަމަންގައި ހުންނަ ޑިޓެންޝަން ސެންޓަރަށެވެ.

މި ހަމަލާގެ އިތުރުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހޮޑެއިޑާގެ ކޮމިއުނިކޭޝަންސް އިމާރާތަކަށް ވެސް ވަނީ ވައިގެ ހަމަލާއެއް ދީފައެވެ. އެއާއި އެކީ މުޅި އެ ސަރަހައްދުން އިންޓަނެޓްގެ ހިދުމަތް ވަނީ ކެނޑިފައެވެ. އަދި މި ހަމަލާގައި ތިން ކުޑަކުދިން ވެސް ވަނީ މަރުވެފައެވެ.

ނޯވޭގެ ރެފިއުޖީ ކައުންސިލުން ބުނީ، މިވަގުތާއި ހަމައަށް އެސަރަހައްދަށް އިންޓަނެޓް ނުލިބުމުގެ ސަބަބުން އެހީގެ ތަކެތި ޑެލިވާ ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ އިރާނުން ވާގިވެރިވާ ހޫތީން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ސައުދީން ކަމަށެވެ. އެހެން ނަމަވެސް ސައުދީން މިހަމަލާއާއި ގުޅިގެން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.