ތައިލެންޑުގެ އުތުރުގައި ހުންނަ ތަމް ލުއާންގ ހޮހޮޅައިގައި ތާށިވި ކުދިން، ހޮހޮޅައިން ނެރުމުގެ ކުރިން އެކުދިންނަށް ހާސްކަން ފިލުވާ ބޭސް ދިން ކަމަށް، ތައިލެންޑުން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެޤައުމުގެ ބޮޑުވަޒީރެވެ.

އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ގޮތުގައި އެކުދިންނަށް މި ބޭސް ދީފައިވަނީ، ކުދިން ހޮހޮޅައިން ނެރުމުގެ ބުރަ އަދި ނުރައްކާތެރި އޮޕަރޭޝަނުގައި، އެކުދިން ހާސް ވެދާނެތީ އެކަމުން ދުރުކުރުމަށްކަމަށެވެ. އަދި، އެކަމުގެ ސަބަބުން ޕެނިކް އެޓޭކެއް ޖެހިދާނެތީ، އެކަން ކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެކުރިން، އެކުދިންނަށް އެއްވެސް ބޭހެއް ދީފައިވާކަން ތައިލެންޑުން ހާމަކޮށްފައި ނުވާއިރު، މިފަހަރު އެޤައުމުގެ ރަސްމީ ފަރާތްތަކުން ބުނާގޮތުގައި ދީފައިވަނީ އެންޒިއޮލިޓިކް ބޭހެކެވެ.

މިކަމުގައި ހަރަކާތްތެރިވި ބައެއް ޑައިވަރުން، މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެކުދިންނަށް ބޭސް ދިން ކަން ޑައިވަރުންނަށް އަންގާފައިވާކަމަށެވެ. މިކަމަށް، އެ އޮޕަރޭޝަނުގައި ބައިވެރިވި އެހެން ގިނަ ޑައިވަރުންވެސް އެއްބަސްވެފައިވާއިރު، މިކަމުގެ ސަބަބުން ކުދިންނަށް ތިބީ ނިދިފައިކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ޑައިވަރުން އިތުރަށް ބުނެފައިވާ ގޮތުގައި އެކުދިންނަށް ދީފައިވާ ބޭހަކީ އެހާ ނުރައްކާތެރި ބޭހެއް ނޫންކަމުގައެވެ.

ހޮހޮޅައިގެ ހަނި ހަނި ދޭތެރެ ތަކުން ކުދިން ސަލާމަތްކުރާ ވީޑިޔޯއެއް މީސް މީޑިޔާގައި އާއްމުކޮށްފައިވެއެވެ. ވީޑިޔޯތަކުން ފެންނަ ގޮތުގައި ދެ ޑައިވަރުންގެ މަސައްކަތުން ކުދިން ނެރޭއިރު، ވާގަނޑެއްވެސް ދަމާފައިވެއެވެ. އަދި، ކޮންމެ ކުއްޖެއްގެ މޫނުގައިވެސް، މުޅި މޫނު ނިވާވާ ވަރުގެ ފުލް މޫން އޮކްސިޖަން މާސްކެއް އަޅުވާފައިވެއެވެ.

ހަމައެހެންމެ، ކޮންމެ ކުއްޖަކު ނެރޭއިރު، އެކުދިންގެ މުޅި ހަށިގަނޑުގައި މޮޅު ބްލެންކެޓެއްވެސް އަޅާފައިވެއެވެ. މިގޮތަށް ކަންތައް ކޮށްފައިވަނީ، އެކުދިންގެ ހަށިގަނޑު ފިނިވިޔަ ނުދީ، އިތުރު މައްސަލަތަކުން ދުރުކުރުމަށެވެ.

ހޮހޮޅައިގައި ތާށިވި ވައިލްޑް ބޯރ ފުޓުބޯޅަ ޓީމުގެ ހުރިހާ މެންބަރުން ހޮހޮޅައިން ސަލާމަތްކުރެވުނީ ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮކޭ

    ފުލްމޫން އެއްނޫން ފުލް މޫނު ނުވަތަ ފުލް ފޭސް

  2. ބާނިޔޫސޭ

    އަދިވެސް ރަނގަޅުކޮށްލާ. މުޅި މޫނު ނުވަތަ މޫނު އެކުގައި.