އިންޑިއާގެ މުމްބާއީގައި ހުންނަ 20 ބުރީގެ އިމާރާތެއްގެ އެތެރޭގައި ރޯވެ ހަ މީހަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު 7:00 ޖެހިހާއިރު، މި ރޯވެފައި ވަނީ ކަމްލާ އިމާރާތުގެ 18 ވަނަ ފަންގިފިލާގައެވެ.

އެކަން ސަމާލުކަމަށް އައުމާއެކު ފަޔަރ ބްރިގޭޑްގެ ސިފައިންނާއި ފުލުހުން ވަނީ ވަގުތުން އެތަނަށް ގޮސް އަލިފާން ނިއްވުމުމުގެ މަސައްކަތް ފަށައިގަތެެވެ. ސިވިކް ބޮޑީގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތުގައި 13 ފަޔާ އިންޖީނާއި ހަތް ވޯޓާ ޖެޓީ ހިމެނޭ ކަމަށާއި އެއީ ލެވަލް-3 (މޭޖާ) އަލިފާން ފަރުބަދައެއްގެ ގޮތުގައި ޓެގް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި 23 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވެއެވެ.

އެ ސަރަހައްދުގައި ތިބި ބައެއް އާއްމުން މީސް މިޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ އެ އިމާރާތުގެ އެތެރެއިން އަލިފާން ނުކުންނަ މަންޒަރެެވެ. އަދި ދުންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ މަންޒަރުވެސް ފެނެއެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސްގެ ބަދަލެއް ދޭނެ ކަމަށެވެ. އަދި ޒަހަމްވި މީހުންނަށް 50،000 ރުޕީސް ދޭނެ ކަމަށް ވިދާޅުވިއެވެ.

މަހަރަޝްތްރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރ އަޖިތް ޕަވަރް ވިދާޅުވީ، މިކަން ތަހުގީގު ކުރާނެ ކަމަށެވެ.

މުމްބާއީގެ މޭޔަރު ކިޝޯރީ ޕެޑްނޭކަރު އޭއެންއައި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުމުރުން ދުވަސްވީ ހަ މީހަކަށް އޮކްސިޖަން ސަޕޯޓް ބޭނުންވެގެން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުރީ، ހުރިހާ މީހުން ވެސް ވަނީ ސަލާމަތްކުރެވިފައި،". އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުން އެނދުމަތި ކުރުމަށް ރިލަޔަންސް އާއި ވޮކްހާރޑްޓް ހޮސްޕިޓަލްތަކުން ވަރަށް ހެނދުނު ދިއުމުން އެ މީހުން އެނދުމަތި ކުރަން ފުރަތަމަ އިންކާރު ކުރި ކަމަށެވެ.

"މިކަން އަޅުގަނޑުމެންް ބަލާނަން".

 

ކިޔުންތެރިންގެ ހިޔާލު