ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ނިއުޒިލެންޑުގައި އާ ފިޔަވަޅުތަކެއް އަޅާފައިވާތީ، އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންގެ ކައިވެނީގެ ހަފްލާ ފަސްކޮށްފިއެވެ.

ކޮވިޑް-19 ވޭދަނަތަކާ ގުޅިގެން އޮމިކްރޮން ފެތުރުން ހުއްޓުވުމަށް ނިއުޒިލެންޑުގެ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެލާޓް ލެވެލް ރަތަށް ބަދަލުކޮށް، މާސްކު ނާޅައި އުޅެވޭނެ ތަންތަން މަދުކުރުމާއި 100އަށްވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތަކާއި ހަފުލާތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި ވެކްސިން ޖެހިކަން ޔަގީންނުކުރާ ތަންތަނަށް ނުވަތަ އެއްވުންތަކުގައި ބައިވެރިވެވޭނީ 25 މީހުންނަށްކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

ނިއުޒިލެންޑުގެ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާން ކުރައްވަމުން ޖަސިންޑާ ވިދާޅުވީ އެ ނިންމުމާއެކު އޭނާގެ އަމިއްލުފުޅު ކައިވެނި ފަސްކުރައްވާނެ ކަމަށާއި، އޭނާއަށް ކުރިމަތިވެވަޑައިގަތް ހާލަތާ އެއްގޮތް ހާލަތްތަކާ ކުރިމަތިލާން ޖެހުނު ރައްޔިތުންނާމެދު ހިތާމަ ކުރައްވާ ކަމަށެވެ.

ޖަސިންޑާ ވިދާޅުވީ، ދިރިއުޅުމުގައި އެފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުކުރަން ޖެހޭކަމަށެވެ. އެކަމަނާގެ ކައިވެނި ފަސްކުރަން ނިންމުމަށް ފަހު ކައިވެނިކުރާނެ ވަކި ތާރީހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

ނިއުޒިލެންޑަކީ އޮމިކްރޮންގެ ވޭދަނަތައް ކޮންޓްރޯލުން ނައްޓައި، ހާލަތު ގޯސްވެފައިނުވާ މަދުގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އުމުރުން 12 އަހަރުން މަތީގެ ނިއުޒީލަންޑްގެ 93 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އަދި، 52 އިންސައްތަ މީހުންނަށް ބޫސްޓާ ޑޯޒް ވެސް ޖަހާފައެވެ. އެ ގައުމުން މިހާރު ވަނީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފަށާފައިކަން ފާހަގަ ކޮށްލެވެއެވެ.