ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ހަޖޫ ޖެހި އެ ގައުމުގެ މަޝްހޫރު ނޫސްވެރިޔާ ސެޑެފް ކަބާސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

އުރުދުޣާނަށް ފާޑު ކިޔައި، ހަޖޫ ޖަހައިގެން އެތައް ހާސް ބަޔަކު މީގެކުރިން ވެސް ހައްޔަރުކޮށްފައިވެއެވެ. އެމީހުން ހައްޔަރު ކުރީ ތުރުކީގައި ފާސްކޮށްފައި އޮންނަ ގާނޫނެއްގެ ދަށުންނެވެ.

ކަބާސް ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެެއްގައެވެ. އަދި އޭނާ އިސްތަންބޫލްގެ ކޯޓަށް ގެންދިއުމުގެ ކުރިން ގެންގޮސްފައި ވަނީ އިސްތަންބޫލްގެ މައި ޕޮލިސް ސްޓޭޝަނަށެވެ. އަދި ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ކަބާސް ހައްޔަރު ކޮށްފައިވަނީ އުރުދުޣާން އަށް ނިސްބަތްކޮށް ރިޔާސީ ގަނޑުވަރާ ގުޅުވައިގެން ބުނެ އުޅޭ ހަރުބަހެއް އިދިކޮޅު ޓީވީ ޗެނަލްއެއްގައި އާއި، އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުގައި ބޭނުން ކޮށްގެންނެވެ. މިކަމާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ ކަބާސްއަށް އަމާޒުވެފައެވެ.

އުމުރުން 53 އަހަރުގެ ކަބާސް އަކީ ނޫސްވެރިކަމުގެ ދާއިރާގައި ފުންނާބު އުސް މީހެކެވެ. އަދި މަޝްހޫރު ގިނަ ޝޯތަކެއް ވެސް ހޯސްޓް ކޮށްފައިވާ މީހެކެވެ.

އިސްތަންބޫލްގެ ބަކިރްކޮއި ޖަލަށް ކަބާސް ފޮނުވި ކަމަށް އޭނާގެ ގާނޫނީ ވަކީލު އުގުރް ޕޮއިރާޒް ވިދާޅުވިއެވެ. އަދި ހޯމަ ދުވަހު މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެެއެވެ.

ކަބާސް ބުނެފައިވާ ބަސްތަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ސަރުކާރުގެ ގިނަ އޮފިޝަލުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ކޮބާތަ އެ ބަސްތަކަކީ؟ އެ ބަސްތައްވެސް ލިޔެލި ނަމަ..

  2. އެދުރުބެ

    މިރާއްޖެއަށްވުރެ ފަހަތުގައެއްނު ތިއުޅެނީ