ލުބްނާންގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ އެގައުމުގެ އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ލީޑަރު ކަމަށްވާ ސާދު ހަރީރީ ސިޔާސީ މަސައްކަތްތައް މިވަގުތައް ހުއްޓާލުމަށް ފަހު ސިޔާސީ ދާއިރާ އިން އެކަހެރިވާން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.

ލުބްނާންގެ ދާހިލީ ހަނގުރާމަ 1990 ވަނަ އަހަރު ނިމުނު ފަހުން އެގައުމުގެ ސިޔާސީ މަސްރަހުގެ އެންމެ ކުރީގައި ތިބީ ހަރީރީ އާއިލާގެ މެންބަރުންނެވެ. ސާދު ހަރީރީ ލުބްނާންގެ ސިޔާސީ މަސްރަހުގެ އެންމެ ކުރީ ސަފަށް ނިކުމެ ވަޑައިގެންނެވީ 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިން ހަމަލާއެއްގައި ސާދު ހަރީރީގެ ބައްޕަ ރަފީޤު ހަރީރީ އަވަހާރަކޮށްލުމުންނެވެ.

މިވަގުތު ސިޔާސީ މައިދާނުން ދުރަށް ޖެހެން ނިންމިކަން އިއުލާންކޮށް ސާދު ހަރީރީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ވިދާޅުވީ މިވަގުތު ލުބުނާންގެ ސިޔާސީ މަސްރަހުގައި ކުރިއަށް ދިއުމުގެ މަގުތައް ބަންދުވެފައިވާ ކަމަށެވެ. "ލުބުނާންގެ ސިޔާސީ މަސްރަހަށް އޮތް އީރާންގެ ނުފޫޒާއި، ބައިނަލްއަޤުވާމީ ނުފޫޒުތަކާއި، ގައުމުގެ އެތެރޭގައި އޮތް ބައިބައިވުންތަކުގެ ސަބަބުން މިވަގުތު ސިޔާސީ މަސްރަހުގައި ކުރިއަށް ދިއުމުގެ މަގުތައް ވަނީ ބަންދުވެފައި. ކުރިއަށް އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަނުކުރަން އަޅުގަނޑު ވަނީ ނިންމާފައި." ސާދު ހަރީރީ ޓީވީ މެދުވެރިކުރައްވާ އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.

ލުބުނާންގެ އާއްމު އިންތިހާބު މިއަހަރުގެ މެއި 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ 2019 ވަނަ އަހަރު އެގައުމުގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ބޭއްވި ވަރުގަދަ މުޒާހަރާތަކާއި އަދި 2020 ވަނަ އަހަރު ހިނގި ބެއިރޫތު ޕޯޓްގެ ހާދިސާ އަށް ފަހު ލުބުނާންގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ސިޔާސީ މައްސަލަތަކުގެ އިތުރުން ލުބުނާން މިހާރު ވެސް އޮތީ ބޮޑު އިގްތިސޯދީ މައްސަލަތަކެއްގެ ތެރޭގައެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ ފަގީރުންގެ އަދަދު ގައުމުގައި އަންނަނީ ގިނަވަމުންނެވެ.

ސާދު ހަރީރީ ވިދާޅުވީ މިއަދު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ މައްސަލައަކީ ލުބުނާންގައި އިތުރު ދާހިލީ ހަނގުރާމައެއް ފަށަން ފުރުސަތު ނުދިނުމެވެ. ސިޔާސީ ފަރާތްތަކުން ވެސް މަސައްކަތް ކުރަންވީ އިތުރު ދާހިލީ ހަނގުރާމައަކުން ލުބުނާން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސާދު ހަރީރީ ވަނީ ތިން ފަހަރެއްގެ މަތިން ލުބުނާންގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ މަގުބޫލްކަން ލުބުނާން ރައްޔިތުންގެ މެދުގައި ވަނީ ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެ ފިކުރުގެ މީހުން

    ޑިމޮކްރަސީ އަކީ ފާޑެއްގެ އެއްޗެއްތާ ދޯ؟
    ސުންނީންގެ ބައިގިނަވެފައި އޮވެ ކާފަރު ކުރިސްޓިއަނުންނާއި ޝިޔަޢީންނާ އެމީހުންގެ މައްޗަށް ވެރިކަން ކޮށްފައި އަދި ބައްޕާ ފުޅެކޭ އެއްފަދައިން ޝަހީދުކޮށް ނުލެވުނު ޒުވާން ޙަރީރީ އަށް ވެރިކަން ކުރަން ރައްޔިތުން ހަވާލު ކުރާ ކޮންމެ ފަހަރަކު ނުފޫޒުގެ ބޭނުންކޮށްގެން އެ ސޮރުގެ ވެރިކަން ހުއްޓުމަކަށް އެބަ ގެނޭ.
    ދެރަ ކަމެއް.

    2
    1