މީގެ 30 އަހަރު ކުރިން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ވަލީއަހްދު އަރިހުގައި މަސައްކަތް ކުރި ތައިލެންޑް މީހަކު ވަގަށް ނެގި ގަހަނާތަކެއްގެ ސަބަބުން އުފެދުނު ދެބަސްވުންތަކާއި ހިނގި ކަންތައްތަކާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން ތައިލެންޑާއި ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެގުޅުން އަލުން އިއާދަ ކުރަން އެއްބަސްވެއްޖެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔަތު ޗަން-އޯޗާ ވަނީ އަންގާރަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެން ވަލީއަހްދު މުހައްމަދު ބިން ސަލްމާނާއި ބައްދަލު ކުރައްވާފައެވެ. މިއީ 1989 ވަނަ އަހަރު ދެގައުމުގެ ހާރިޖީ ގުޅުން ކަނޑާލި ފަހުން ދެގައުމުގެ މިފެންވަރު އިސްވެރިންތަކެއް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ވަލީއަހްދު މުހައްމަދާއި ބޮޑުވަޒީރު ޕްރަޔަތުގެ ބައްދަލުވުމަށް ފަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ ދެގައުމުގެ ހާރިޖީ ގުޅުން އަލުން ގާއިމުކޮށް އިގްތިސޯދީ ދާއިރާ އާއި ސަލަމާތީ ދާއިރާގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ނިންމާފައިވާ ކަމަށެވެ. ދެގައުމުން ގުޅުން ބަދަހިކޮށް އަންނަ މެއި މަހު ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިނުން ބެންކޮކާއި ސައުދީ އަރަބިއްޔާގެ ރިޔާދް އާއި ދެމެދު ދަތުރުތައް ފަށަން ވެސް މިހާރު ވަނީ ނިންމާފައެވެ.

ސައުދީ އަރަބިއްޔާ އާއި ތައިލެންޑްގެ ގުޅުން ގޯސްވާން ފެށީ ސައުދީ އަރަބިއްޔާގެ ވަލީއަހްދެއްގެ ގެއިން ތައިލެންޑް މީހަކު 20 މިލިއަން ޑޮލަރުގެ އަގުހުރި ނޫކުލައިގެ އަލިމަސްތަކެއް ވަގަށް ނެގުމުންނެވެ. (އަލިމަހަކީ ޖަވާހިރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއްބާވަތުގެ ޖަވާހިރެވެ.) މައްސަލަ އިތުރަށް ހޫނުވީ ގަހަނާ ވަގަށް ނެގި މައްސަލަ ތަހްގީގު ކުރަން ސައުދީ އަރަބިއްޔާ އިން ތައިލެންޑަށް ފޮނުވި ސަރުކާރުގެ މަންދޫބަކު ތައިލެންޑްގައި މަރާލުމުންނެވެ. އަދި ސައުދީ އަރަބިއްޔާގެ ތިން ޑިޕްލޮމެޓަކު ވެސް ތައިލެންޑްގައި މަރާލުމުންނެވެ.

އެމައްސަލައިގައި ސައުދީ އަރަބިއްޔާ އިން ވަނީ ތައިލެންޑްގެ އެތައް ހާސް މަސައްކަތްތެރިންގެ ވިސާ ކެންސަލް ކޮށްފައެވެ. އަދި ތައިލެންޑްގެ މުސްލިމުން ހައްޖަށް ދިއުމަށް ވެސް ވިސާ ދިނުން ސައުދީ އަރަބިއްޔާ އިން ހުއްޓާލިއެވެ.

ސައުދީ އަރަބިއްޔާގެ މީހުންތަކެއް ބެންކޮކްގައި މަރާލި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ތައިލެންޑުން ވަނީ ވަގަށް ނެގި ގަހަނާތައް ކަމަށް ބުނެ ބައެއް ގަހަނާތައް ސައުދީ އަރަބިއްޔާ އަށް ފޮނުވާފައެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އިން ވަނީ އެއީ ފޭކް އުފެއްދުންތަކެއް ކަމަށް ބުނެ އެތަކެއްޗާއި ހަވާލުވާން ދެކޮޅު ހަދާފައެވެ.