ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭނެ ކަން ސައުދީ އަރަބިއްޔާ އިން މިއަދު އިއުލާން ކޮށްފިއެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާ އިން އަމަލު ކުރަމުން އައި އުސޫލު ބުނާ ގޮތުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވާނަމަ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށް ދަތުރު ކުރެވެނެއެވެ. ނަމަވެސް ސައުދީގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން މިއަދު ކުރި އިއުލާނުގައި ބުނީ އެގައުމުގައި ބޭނުން ކުރަމުން އަންނަ "ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާ މިންގަނޑު އަންނަ މަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ. އަލަށް ގެންނަ ބަދަލަކީ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލައި ގަންނާނީ ވެކްސިންގެ ދެ ޑޯޒް ޖެހިތާ އަށް މަސް ނުވާ ނަމަ ނުވަތަ އަށް މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖެހުމުންނެވެ.

ސައުދީ އަރަބިއްޔާ އިން ބޭނުން ކުރާ "ތަވައްކަލްނާ" އެޕްލިކޭޝަނަކީ އެގައުމަށް ދަތުރު ކުރާ އެންމެން ވެސް ބޭނުން ކުރުން މަޖުބޫރު އެޕްލިކޭޝަނެކެވެ. އަދި ހަރަމްފުޅަށް ވަންނަ ސައުދީ އަރަބިއްޔާގެ މީހުން ވެސް އެއެޕްލިކޭޝަން ބޭނުން ކުރަން ޖެހޭނެއެވެ.

ސައޫދީން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ވަނަ ޑޯޒް ޖެހިތާ އަށް މަސްވެފައިވާ މީހުން ސައުދީގެ ފެސިލިޓީތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަައް ހިންގާ ތަންތަނާއި މަތިންދާބޯޓުތަކަށް އަދި އާންމު ދަތުރުފަތުރުތައް ބޭނުން ނުކުރެވޭ ގޮތް ހަދަން ވެސް ނިންމައިފަ އެވެ.

ސައުދީ އަރަބިއްޔާ އަކީ ކޮވިޑް-19 އިން ދިފާއު ވުމަށް އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި އެއްގައުމެވެ. އެގައުމުގައި ކޮވިޑް ވެކްސިން ގިނަ ބަޔަކަށް ދިނުމަށް ފަހު މީގެ ކުރިން ވެސް ލުއިތައް ދިނެވެ. ނަމަވެސް ފަހުން އަދަދުތައް މައްޗަށް ދާން ފެށުމުން ބައެއް އިތުރު ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ. އޭގެތެރޭގައި ހަރަމްފުޅުގައި ގައިދުރުކޮށް ނަމާދު ކުރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😠😠😠

    އަޅުކަންކުރަންވެސް ހުރަސްއަޅަނީ. ހަލާކުހުރި!

  2. ހިޔާލު

    ތި ވެކްސިނަކުން ލިބޭ ރައްކާތެރިކަމެއް ނެތެއްނު. ރައްކާތެރިކަން ދެއްވަވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ. ﷲ ތަޢާލާގެ މަގަށް ރުޖޫޢަވޭ އިންޝާ ﷲ ބަދަލް ފެންނާނެ. ތި ވެކްސިންގެ ތިންހަތަރު ޑޯޒް ޖެހި ކިތައްމީހުންނަށްބާ އަލުން ކޮވިޑް ޖެހުނީ. ބޫސްޓަރ ޖަހައިގެން ތި ކޮންޓްރޯލް ވާނަމަ މިހާރު އިސްރާއީގަ ހުންނާނީ ކޮންޓްރޯލް ވެފަ.

    12
    1