ކޮވިޑް-19 ދުނިޔެ އަށް ފެތުރިގަނެ އެންމެންގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލިތާ ދެއަހަރު ވެގެން ދިޔައިރު ވެސް މިބަލިމަޑުކަމުން އަވަހަށް އަރައިގަނެވިދާނެ ކަމުގެ ނިޝާނެއް ނުފެނެއެވެ. ކޮވިޑާއިއެކު އުޅުން ނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް ބުނެ އާއްމު ދިރިއުޅުމަކަށް ދެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް އޮމިކްރޮން ވޭރިއަންޓާއި އެކު އަނެއްކާވެސް މިވަނީ ހާލަތު ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައެވެ.

ކޮވިޑް-19 ފެތުރެމުން އަދިވެސް ދާނަމަ ހާލަތައް އަތުވެދާނެ ބަދަލުތައް ތަޖުރިބާކާރުން އަންނަނީ ހިއްސާ ކުރަމުންނެވެ.

ޑރ.އެންތަނީ ފައުޗީ ލަފާކުރައްވާ ގޮތުގައި މިއަހަރު ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކީ ނުރައްކާތެރި ވޭރިއަންޓެއް ފެތުރުމެވެ. ނަމަވެސް އޭނާ އުއްމީދު ކުރައްވަނީ އެވޭރިއަންޓްގެ ނުރައްކާ މާބޮޑު ނުވާނެ ކަމަށެވެ. "ނުރައްކާތެރި ވޭރިއަންޓެއް ފެތުރިދާނެ. ގިނަ ބަޔަކު މިވަނީ ކޮވިޑް ވެކްސިން ޖަހާފައި. އަދި އެތައް ބަޔަކަށްމިވަނީ ކޮވިޑް ޖެހިފައި. އެހެންކަމުން ގިނަ ބައެއްގެ ހަށިގަނޑުގައި ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދިފާއީ ނިޒާމް ވާނީ ތައްޔާރުވެފައި. ނަމަވެސް މިހާލަތުގައި ވެސް ނުރައްކާތެރި ވޭރިއަންޓެއް ފެތުރިދާނެ. އެއީ ނުވާނެ ކަމަށް ބަލައިގެން ނުވާނެ." ޑރ.އެންތަނީ ފައުޗީ ވިދާޅުވިއެވެ.

ޖޯޖްޓައުން ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ އިމިއުނަލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރ ޑރ.މާކް ޑީބަލް ވިދާޅުވާ ގޮތުގައި މިއަހަރު ކުރިމަތިވެދާނެ އެންމެ ބޮޑު ނުރައްކަލަކީ ވެކްސިނަށް ނުގުޑާ ކޮވިޑް ވޭރިއަންޓެއް އުފެދުމެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ ވަރަށް ގާތުގައި އޮތް ކަމެކެވެ.

"މިހާތަނަށް އަޅުގަނޑު ލަފާކުރި ހުރިހާ ކަމެއް މިވަނީ ދިމާވެފައި. ނަމަވެސް މިފަހަރު އަޅުގަނޑު ލަފާކުރާ ގޮތް ދިމާނުވުން އެއީ އަޅުގަނޑު ވެސް އެދޭ ގޮތަކީ. އެކަމަކު ހިތާމައާއިއެކު ބުނަން ޖެހެނީ މިއަހަރުގެ މާޗް، އޭޕްރީ ނުވަތަ މެއި ހިސާބުގައި ކޮވިޑް ވެކްސިނަށް ނުގުޑާ ވޭރިއަންޓެއް އުފެދިދާނެއޭ. ފާއިތުވި ދެއަހަރު ދުވަހު ވައިރަސް އަށް އައި ބަދަލުތަކަށް ބަލާފައި އެގޮތައް ލަފާކުރެވޭ." ޑރ.މާކް ވިދާޅުވިއެވެ.

ޑރ.މާކް ވިދާޅުވީ އޭނާގެ ލަފާކުރުން އަނެއްކޮޅަށް އެނބުރިއްޖެނަމަ ކޮވިޑް ވައިރަހާއި ދެކޮޅަށް އިންސާނުންގެ ދިފާއީ ނިޒާމް ތައްޔާރުވެ، މިއީ ހަށިގަނޑަށް މާބޮޑު ގެއްލުމެއް ނުދެވޭ ބަލިކަށި ވައިރަހަކަށް ވެސް މިއަހަރު ތެރޭގައި ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

ކޮންމެއަކަސް ކޮވިޑް ވައިރަސް އާއި ގުޅިގެން އަދިވެސް ކަށަވަރު ކަމާއިއެކު ބުނަން އެނގޭ އެއްވެސް އެއްޗެއް ނެތެވެ. ކުރެވެން އޮތް ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއިއެކު މިވަބާއިން ސަލާމަތް ވޭތޯ ދުއާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހް

    މަކަރާ ހީލަތުނއ މަޖުބޫރު ވެގެން ޖަހްންޖެހޭއަނެއް ޑޯޒ