ތައިލޭންޑް ޗިއާން ރާއީ ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅައިގެ ތެރޭގައި ދެ ހަފްތާ ވަންދެން ތާށިވެފައިތިބި ދެކުދިންނާއި ކޯޗް ސަލާމަތްކުރި އޮޕަރޭޝަންގައި އަސްލު ޙަޤީޤީ ހީރޯއިންނަކީ އެކުދިން ސަލާމަތް ކުރި ޑައިވަރުން ނޫން ކަމަށް ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި އިސް ދައުރެއް އަދާކުރި ޑައިވަރެއް ކަމަށްވާ އަ ރިކް ސްޓެޓޮން ބުނެފިއެވެ.

ރިކް ބުނެފައިވަނީ އެކުދިން ސަލާމަތް ކުރި އޮޕަރޭޝަންގައި ޑައިވަރުން އަދާކުރީ އެމީހުންގެ ވާޖިބު ކަމުގައްޔާއި އެއީ މުޖުތަމައަށް ކޮންމެހެންވެސް ކޮށްދެން ޖެހޭ ކަމެއް ކަމަށެވެ. މިކުދިން ސަލާމަތް ކުރި ޑައިވަރުންގެ ތެރެއިން އިނގެރޭސިވިލާތަށް ނިސްބަތްވާ ޑައިވަރުން މިއަދު އަބުރާ ރަށަށް ގޮސްފައިވާއިރު، މިކުދިން ހޮހޮޅައިގެ ތެރޭގައި ތާށިވުމަށްފަހު ފުރަތަމަ ފަހަރަށް މިކުދިން ފެނިފައިވަނީވެސް އިނގެރޭސިވިލާތުގެ ދެ ޑައިވަރެކެވެ. މިކުދިން ހޯދި އިނގެރޭސި ވިލާތަށް ނިސްބަތްވާ ދެ ޑައިވަރުނަކީ ރިކް އާއި ޖޯން ވޮލެންތަންއެވެ.

ހޮހަޅައިގައި ތިބި ކުދިން ސަލާމަތް ކުރި ތިން ދުވަހުގެ ބޮޑު އޮޕަރޭޝަނަށްފަހު މީޑިޔާތަކާއި ވާހަކަ ދައްކަމުން ރިކް ބުނެފައިވަނީ އެންމެ އުފާވީ މިކުދިން ސަލާމަތުން ތިއްބާ ފެނުމުން ކަމަށާއި މުޅި ރެސްކިއު އޮޕަރޭޝަން ކުރިޔަށް ދިޔަ ގޮތާއި މެދުވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ވަރަށް ނާޒުކު ދަނޑިވަޅެއްގައި ވަރަށް ތަރުތީބުން މިކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ގެންދިޔަ ކަމަށް ރިކްވަނީ ބުނެފައެވެ. އަދި މިކުދިން ސަލާމަތްވީ ތައިލޭންގެ އޮތޯރިޓީތަކުން ދިން އެއްބާރު ލުމާއި ޓީމް ވޯކްގެ ސަބަބުން ކަމަށް ރިކްވަނީ ސިފަކޮށްފައެވެ.

މިރެސްކިއު މިޝަންއާއި ބެހޭ ގޮތުން ރިކް ބުނެފައިވަނީ މިއީ ވަރަށްވެސް އުދަގޫ މިޝަންއެއް ކަމަށާއި ކިތަންމެ ފަރިތަ ޑައިވަރަކަށްވެސް މި ހޮހޮޅައިގައި ފީނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެހެން މީހެއްގެ ފުރާނަ އަތަށް ލައިގެން ކަނު އަދިރީގައި ޑައިވް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް ރިކްވަނީ ސިފަކޮށްފައެވެ.

ރިކް އަކީ ސައުތް އެންޑް މިޑް ވޭލްސް ކޭވް ރެސްކިއު ޓީމްގެ މެންބަރެކެވެ.