ފުރަތަމަ ފަހަރަށް މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ވޭދަނަތައް ފެނި ޓޮންގާ ފުރަބަންދު ކޮށްފިއެވެ.

މިއަދު ފަތިހު ޓޮންގާ ފުރަބަންދު ކޮށްފައިވަނީ ޓޮންގާއަށް ބޭރުގެ އެހީތައް ލިބެން ފަށާފައި ވަނިކޮށެވެ. ބޭރުގެ އެހީތައް ޓޮންގާއަށް ލިބެން ފަށާފައިވަނީ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު އުސް ސުނާމީއެއް އަރައި ސުންނާފަތިވެފައިވަނިކޮށް ޓޮންގާ އަށް ބާރުގަދަ ބިންހެލުމެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމުންނެވެ.

އޮސްޓްރޭލިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރު އެޗްއެމްއޭއެސް އެޑިލެއިޑްގައި މިދިޔަ ހަފްތާގައި ވުނާ ވާރފްގައި ބަނދަރުކުރިއިރު، އެ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ 23 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ޖަޕާނާއި އޮސްޓްރޭލިއާއިން އެހީ ހިފައިގެން ދަތުރުކުރި ފަޅުވެރިންނަށްވެސް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މަސައްކަތްތެރިންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ޓޮންގާގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ބްރޯޑްކޮމްއެފްއެމް އިން މިއަދު ރިޕޯޓު ކޮށްފައިވެއެވެ.

ޓޮންގާ ފުރަބަންދު ކުރުމުން ހުރިހާ ފިޔަފާރިތަކާއި، ސްކޫލްތައް ބަންދުކުރަން ވަނީ ނިންމާފައެވެ. ނަމަވެސް، ހަމައެކަނި ޒަރޫރީ ހިދުމަތްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޮންގާގެ ސަރުކާރުން ބުނެފައިވެއެވެ.

ޓޮންގާއިން ވަނީ ކޮވިޑް ވޭދަނަތައް ކޮންޓްރޯލް ކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބޯޑަރު ބަންދު ކޮށްފައެވެ. މީގެ ކުރިން ޓޮންގާއިން ކޮވިޑަށް ފައްސިވެފައިވަނީ ނިއުޒިލެންޑުން އެގައުމަށް އެތެރެވީ އެންމެ މީހެކެވެ.