އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާ ގެ ލީޑަރު ވްލަޑިމީއަރ ޕޫޓިން އާ ބައްދަލު ކުރައްވާ ސަމިޓު ތާވަލާ އެއްގޮތަށް ކުރިޔަށް ދާނެ ކަމަށް ވައިޓް ހައުސް އިން އިއުލާން ކޮށްފިއެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވައިޓް ހައުސް ގެ ސްޕޯކްސްވުމެން ސާރާ ސެންޑާސް މީޑިއާއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ "އިޓްސް އޮން" ކަމަށެވެ.

އެގޮތުން ދެގައުމުގެ ލީޑަރުން ހޯމަ ދުވަހު ބައްދަލު ކުރުމަށް ވަނީ ތާވަލު ކުރެވިފައެވެ. ނަމަވެސް މި ބައްދަލުވުން އިއުލާން ކުރެވިފައި ވަނީ ރަޝިޔާގެ 12 އިނެޓެލިޖެންސް އޮފިސަރަކު 2016 ވަނަ އަހަރު އެމެރިކާ ގައި ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު އެމެރިކާއިން އަޅުވާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ އެކި ފަރާތް ތަކުން ބައްދަލުވުމާއި ދެކޮޅަށް އަޑު އުފުލަމުން ދާއިރު ރަޝިޔާ އިން ބުނެފައި ވަނީ އެމެރިކާ އާ އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެގޮތުން ކްރެމްލިންގެ އެޑްވައިޒަރ ޔޫރީ އުޝާކޮވް ދިން ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕަކީ މަޝްވަރާކުރުމުގެ މިތުރެއްކަމަށާއި ރަޝިޔާ އާއި އެމެރިކާ އާ ދެމެދު ހީނަރު ވެފައިވާ ބައިލެޓެރަލް ރިލޭޝަންސް ވަރުގަދަ ކުރުވުމަށް ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަކީ މުހިންމުކަމެއް ކަމަށެވެ.

އެމެރިކާގެ އިންތިހާބަށް ރަޝިޔާ ނުފޫޒު ފޯރުވިކަން ދޮގުކޮށް ރަޝިޔާ އިން ބުނެފައިވަނީ އެއީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަ ތަކަކީ ހޯމަ ދުވަހު އޮތް ސަމިޓުގެ މަސްލަހަތު ގެއްލުވާލަން ދައްކާ ވާހަކަތަކެއްކަމަށެވެ.

ނަމަވެސް އެމެރިކާ ގެ ޑިމޮކްރަޓް ޕާޓީގެ މެންބަރުން އަންނަނީ ހޯމަ ދުވަހު ބާއްވާ ބައްދަލުވުން ކެންސަލް ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ޑިމޮކްރަޓިކް ނެޝެނަލް ކޮންގްރެސް ގެ ޗެއާމަން ޓޮމް ޕެރެޒް، ހޯމަދުވަހު ޕޫޓިން އާ ބައްދަލު ނުކުރަން ޓްރަމްޕު އަށް ގޮވާލެއްވިއެވެ، އަދި ރަޝިޔާ އަކީ އެމެރިކާ ގެ އެކުވެރިޔެއް ނޫންކަމަށް ވެސް ޓޮމް ޕެރެޒް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާ އާއި އެމެރިކާގެ ލީޑަރުން ހޯމަދުވަހު ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ފިންލެންޑުގެ ވެރިރަށް ހެލްސިންކީގައެވެ.