ތައިލެންޑުގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައި ތިބި ފުޓުބޯޅަ ޓީމުގެ މެންބަރުން ސަލާމަތްކުރަން، ޑައިވަރުން ކޮށްފައިވަނީ ބުރަ މަސައްކަތެވެ. އެކި ޤައުމުތަކަށް ނިސްބަތްވާ ޑައިވަރުން، އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، ނުރައްކާތެރި ހޮހޮޅަ ތެރެއަށް ވަދެ، ކުދިންތައް ސަލާމަތް ކުރުމަށް ކުރި މަސައްކަތުން، އެމީހުންނަށް ވަނީ މުޅި ދުނިޔޭގެ ތަޢުރީފު ލިބިފައެވެ.

މި މަސައްކަތުގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް، 90 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ. އޭގެތެރެއިން 40 މީހުންނަކީ ތައިލެންޑުގެ ރައްޔިތުންކަމަށްވާއިރު، ބާކީ ތިބި 50 ޑައިވަރުންނަކީ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

އެގޮތުން، މި މަސައްކަތުގައި ހަރަކާތްތެރިވި އަޔަލެންޑުގެ ޑައިވަރަކު، އެނބުރި ޤައުމަށް ދިއުމުން އޭނާއަށްވަނީ، އޭނާގެ އުފަން ޤައުމުން ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެއަރޕޯޓަށް އެއްވެފައި ތިބި އޭނާގެ ޤައުމުގެ ރައްޔިތުން، އޭނާއަށް ކިޔާފައިވަނީ "ހީރޯ" އަކަށް ނުވަތަ ބަޠަލަކަށް ކިޔާ ފަދަ މަރުޙަބާއެކެވެ.

ޖިމް ވާނީ ނަމަކަށް ކިޔާ މި ޑައިވަރު، އެނބުރި ޤައުމަށް ދިޔައިރު، އެއަރޕޯޓަށް އެތައް ބަޔަކު އެއްވެފައިވެއެވެ. އަދި، މަތިންދާބޯޓުން ފޭބިއިރު، އެތަނުގައި ފޮޓޯ ނަގާ މީހުންނާއި އެހެންވެސް އެފަދަ ފަރާތްތައް އެއްވެފައި ތިއްބެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ޖިމް ބުނެފައިވަނީ، މި ކަމުގެ ހަޤީޤީ ހީރޯ އަކީ އޭނާ ނުވަތަ ޑައިވަރުން ނޫންކަމުގައެވެ. އަދި، އަސްލު ހަޤީޤީ ހޯރޯ އިންނަކީ، ހޮހޮޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި އެކުދިންގެ ކޯޗުކަމަށްވެސް ބުނެފައިވެއެވެ.

ޖިމް އިތުރަށް ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ "ހިތި ފޮނި" މަސައްކަތެއްކަމުގައެވެ. އެގޮތުން، މި މަސައްކަތުގެ ތެރޭގައި ތައިލެންޑަށް ނިސްބަތްވާ ޑައިވަރަކު މަރުވުން، އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ކުދިންނާއި ކޯޗު ސަލާމަތްކުރުމަކީ، އުފާވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މީގެއިތުރުންވެސް، އޭނާ ބުނެފައިވާ ގޮތުގައި މި ޑައިވިންގ އަކީ އުނދަގޫ އަދި ގޮންޖެހުންތައް ގިނަ ކަމެކެވެ. އެގޮތުން، އިންސާނެއްގެ ފުރާނަ އަތްމައްޗަށް ލައިގެން މިކަން ކުރުން އޭނާ ފާހަގަކޮށްފައިވެއެވެ. ޖިމް އަކީ ކުދިން ގޮވައިގެން ޑައިވް ކުރި އެއް ޑައިވަރެވެ.

ޖިން ފާހަގަކޮށްފައިވާ ގޮތުގައި ތައިލެންޑަކީ ވަރަށް އެކުވެރި ބަޔަކު އުޅެމުންދާ ޤައުމެކެވެ. އަދި، މި މަސައްކަތަށް އެޤައުމުން ބޮޑު ޚަރަދެއް ކޮށްފައިވެއެވެ.