ތައިލެންޑުގެ ތަމް ލުައަންގ ހޮހޮޅައިން ސަލާމަތްކުރި ކުދިން މިއަންނަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށް އެކުދިން ގެއަށް ފޮނުވާލުމަށް ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޗިއަންގްރައި ޕްރަޗަނުކްރޮހްް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވީ ހޮހޮޅައިގައި ތާށިވި ކުދިން ބުރާސްފަތި ދުވަހު އެކުދިންގެ ގެތަކަށް ބަދަލު ކުރާނެ ކަމަށެވެ.

މީގެއިތުރުން ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓަރު މައުލޫމާތު ދިން ގޮތުގައި ހޮހޮޅައިން ސަލާމަތްކުރި ހުރިހާ ކުދިންވެސް ތިބީ ސިއްހަތު ސަލާމަތުންނެވެ، އަދި އެކުދިންގެ ކެއުން ބުއިމާއި ބަރުދަން އިތުރުވަމުންދާ މިންވަރުވެސް ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮހޮޅައިން ސަލާމަތްވި 12 ކުދިންނާއި ކޯޗު ވެސް ނުރައްކާތެރި ބަލިތަކަށް ކުރި ލެބޯޓްރީ ޓެސްޓުތަކުން ނެގެޓިވް ކަމަށާއި ވީހާވެސް އަވަހަށް ހޮސްޕިޓަލުން ދޫކުރާނެ ކަމަށްވެސް އެކުދިން ތިބި ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ބުނެފައެވެ. ހުރިހާކުދިން ވެސް ނަފްސާނީ ގޮތުން ރަނގަޅު ނަމަވެސް އިތުރު ނަފްސާނީ ޓެސްޓުތައް ހަދާނެ ކަމަށްވެސް އެކުދިންނާ ހަވާލުވެގެން ތިބި ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

އަދި އެކުދިން ގެއަށް ބަދަލު ކުރުމަށް ފަހު މައްސަރެއް ވަންދެެން އަރާމުކުރުމަށާއި އާއިލާ އާ ރައްޓެހިން ގާތުގައި ތިބުމަށްވެސް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. އެކުދިން ގެއަށް ބަދަލު ކުރުމަށްފަހު މީޑިޔާ އާ މުއާމަލާތް ނުކުރުމަށްވެސް ވަނީ އަންގާފައެވެ.

ސަލާމަތްކުރި ހުރިހާ ކުދިންގެ އާއިލާ މެމްބަރުންނަށް މިހާރު މާސްކު ނާޅާ އެކުދިން ގާތު ހޮސްޕިޓަލުގައި ތިބެވޭނެއެވެ.

ޖޫން 23 ވަނަ ދުވަހުން ފެށިގެން ތައިލެންޑުގެ އެންމެ ދިގު ހޮހޮޅަ ކަމަށްވާ ތަމް ލުއަންގ ހޮހޮޅައިގައި އެކުދިން ތާށިވީފަހުން ކުރިއަށް އޮތް ބުރާސްފަތި ދުވަސް ވެގެން ދާނީ އެކުދިން ގެ ގެތަށް ފެންނަ އެންމެ ފުރަތަމަ ފަހަރަށްވެސްމެއެވެ. އެކުދިންނާއި ކޯޗު 18 ދުވަހަށް ކުރި ހިތްވަރަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.