ބޮޑު ނުރައްކަލެއް ކުރިމަތިވެ، ކަންތައްތައް ބޮއްސުން ލައިގެން ނުދަނީސް، ތައިލެންޑުގެ ތަމް ލުއަންގަ ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރެވުނީ ކިރިޔާކަމަށް، އެމަސައްކަތުގައި ހަރަކާތްތެރިވެގެން އުޅުނު ޑައިވަރުންނާއި އެނޫންވެސް ފަރާތްތަކުން ބުނެފިއެވެ.

އެފަރާތްތަކުން ބުނެފައިވާ ގޮތުގައި، ކުދިން ސަލާމަތް ކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް، ކާމިޔާބު ނުވާނޭކަމަށް ހީކުރި އެތައް ވަގުތެއްވެސް އައިކަމަށާއި އަދި މިއީ ދެން ދުވަހަކު ނުވާނޭ ކަމެއްކަމަށް، ނިންމަން އުޅުނު އެތައް ވަގުތެއްވެސް ކުރިމަތިވިކަމަށެވެ.

މި އޮޕަރޭޝަނުގައި މުޙިއްމު ދައުރެއް އަދާކޮށްފައިވާ އެޤައުމުގެ ނޭވީ ސީލްގެ ރިއަރ އެޑްމިރަލް އަޕަކޯން ޔޯކޮންކަންގއެއޯ ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ، ހޮހޮޅައިގެ ތެރެއިން، ފުޓުބޯޅަ ޓީމުގައި ހިމެނޭ ކުދިންގެ ބައިސްކަލުތައް ފެނުމުން، ވަރަށް އަވަހަށް އެކުދިން ސަލާމަތްވާނެކަމުގެ އުންމީދު ކުރެވުނުކަމުގައެވެ.

އެހެންނަމަވެސް، އެއުންމީދުތައް ދިޔައީ ވަޔަށްކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން، ކުދިން ހޯދުމުގެ މަސައްކަތްތައް ކުރަން، ނޭވީގެ ދެ ޓީމެއް ހޮހޮޅައިގެ ތެރެއަށް ފޮނުވިއެވެ. އެހެންނަމަވެސް، އެމީހުންނާވެސް އޮތް މުވާސަލާތީ ގުޅުން ކެނޑި، އިތުރަށް ހާސްވާ ގޮތްވިއެވެ. ޓީމުތަކާ އޮތް މުވާސަލާތީ ގުޅުން އަލުން ގުޅިފައިވަނީ 23 ގަޑިއިރު ފަހުންނެވެ.

މީގެއިތުރުންވެސް، އޭނާ ބުނެފައިވާ ގޮތުގައި، ހޮހޮޅައިން ފެން ހިއްކާ، ހިންދުމަށް ކުރަމުންދިޔަ މަސައްކަތްތައް ނާކާމިޔާބުވަމުން ދިޔުމުން، ކުދިން ސަލާމަތްކުރެވޭނެކަމަށް އޮތް އުންމީދު ފަނޑުވަމުން ދިޔަ ކަމަށެވެ.

އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެހެން ފަރާތަކުން ބުނެފައިވާ ގޮތުގައި، ކުދިން ތިބި ހޮހޮޅައިގައި އޮކްސިޖަން ހުރި މިންވަރު ދިޔައީ އެތައް ގުނައެއް ދަށްވަމުންނެވެ. އެގޮތުން، އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް، އޮކްސިޖަން ހުރި މިންވަރު، ހޮހޮޅައިން ދަށްވަމުންދާތީ، ކުދިން ސަލާމަތްކުރުމަށް، އެންމެ ތަންކޮޅެއްވެސް ދޫ ދެވެން ނުވަތަ ލަސްކުރެވެން ނެތްކަމަށްވެސް ބުނެފައިވެއެވެ. އަދި، ލަސްވިނަމަ، ބޮޑެތި ގެއްލުންތަކެއް ލިބުނީސްކަމަށް ބުނެފައިވެއެވެ.

އޮސްޓްރޭލިޔާގެ ފަރާތުން، މި އޮޕަރޭޝަނުގައި ބައިވެރިވި ޓީމުގެ ވެރިޔާ ބުނެފައިވާ ގޮތުގައި، ދެން ކުދިން ސަލާމަތް ނުވާނޭ ހީކުރި އެތައް ކަމެއް ފެނުނުކަމަށެވެ. އެގޮތުން، އެންމެ ފަހުން ތިބި ކުދިން ސަލާމަތްކުރަން އުޅެނިކޮށް، ހޮހޮޅައިން ފެން ހިންދަން މަސައްކަތް ކުރި ޕަމްޕުތަކަށް މައްސަލަ ޖެހުނުކަމަށެވެ. އަދި، އެކަން އެނގި މަސައްކަތަށް ހުރަސް އެޅެމުންދިޔައިރު، ހޮހޮޅައިގައި ތިބި އެންމެން، ބާރަށް ހަޅޭލެވިކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، 17 ދުވަހުގެ ދިގު އޮޕަރޭޝަނަށްފަހު، 12 ކުދިންނާއި ކޯޗުވަނީ ސަލާމަތް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަޙީދު

    އަލްޙަމްދުﷲ

  2. ޙޮހަޅަ

    ދެން ނިންމާލަން ވެއްޖެއެއްނު ހޮހަޅަގެ ވާހަކަ.

  3. ޢާދިލު

    ދެން ހޮހޮޅައާ ބެހޭ މާ ގިނަ ވާހަތައް ރާއްޖެއަށް މުހިއްމުހެނެއް ހިޔެއް ނުވޭ،