ބޮޑު އަދި އަނދިރި ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައި ތިބި، "ވައިލްޑް ބޯރ" ފުޓުބޯޅަ ޓީމު، މި ހަފްތާގެ ތެރޭގައިވަނީ ސަލާމަތްވެފައެވެ. ދުނިޔޭގެ ސަމާލުކަން މިކަމަށް ލިބުނުއިރު، މިކަން ވެފައިވަނީ ދުނިޔޭގެ މީޑިޔާތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދި ކަމަކަށެވެ. ހަމައެއާއެކު، މިކަމާ ގުޅިގެން ނޭނގޭ އެތައް ވާހަކައެއްވެސް، ދަނީ އިވެމުންނެވެ.

ހޮހޮޅަ ބަލާލުމުގެ ބޭނުމުގައި، 12 ކުދިންނާއި އެކުދިންގެ ކޯޗު، ހޮހޮޅައިގެ ތެރެއަށް ވަދެފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެމީހުން ހޮހޮޅައިގެ ތެރެއަށް ވަދެފައިވަނީ އެދުވަހުގެ ދުވާލު، ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށްފަހުއެވެ.

އެދުވަހަކީ، ޓީމުގައި ހިމެނޭ ކުޅުންތެރިއެއްކަމުގައިވާ ޕީރަޕަޓް ސޮމްޕިއަންގޖައޭގެ އުފަން ދުވަހެވެ. އެދުވަހުގެ ރޭ، އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް އާއިލާއިން ޕާޓީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް، އޭނާގެ އާއިލާއިން ދިޔައީ ވަމުންނެވެ. އެގޮތުން، މަޝްހޫރު ކާޓޫން ކެރެކްޓާ، ސްޕޮންޖްބޮބް ގެ ކޭކެއްވެސް އަޅާފައިވެއެވެ. ހަމައެހެންމެ، އެކި ކުލަ ކުލައިގެ ކަރުދާހުން ޕާރުސަލްކޮށްފައިވާ ހަދިޔާތައްވެސް ތައްޔާރުކޮށްފައިވެއެވެ.

އެރޭ ވެގެންދިޔައިރުވެސް، ޕީރަޕަޓް ގެއަކަށް ނާދެއެވެ. މިކަންވީ، އޭނާގެ އާއިލާއަށްވެސް ހާސްކަން އިތުރުކުރުވި ކަމަކަށެވެ. އަދި، މިކަންވީ، ކުދިން ހޯދުމަށް މަސައްކަތް ފެށުމަށް، ލިބުނު ބާރަކަށްވެސްމެއެވެ.

12 ކުދިންނާއި އެކުދިންގެ ޓީމުގެ އެސިސްޓަންޓް ކޯޗަކީ، ހޮހޮޅައާއި އެނޫންވެސް ފަރުބަދަމަތީ ތަންތަނަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކެކެވެ. އެހެންނަމަވެސް، އެމީހުން އެދުވަހު އެތަނަށް ދިޔައީ މާ ގިނައިރު، އެތަނުގައި ތިބޭކަށް ނޫނެވެ. ގަޑިއެއްހާއިރުގެ ތެރޭގައި އެތެރެ ބަލާލުމަށްފަހު އެނބުރި ބޭރަށް ނިކުތުމުގެ ބޭރުގައެވެ.

އެހެންނަމަވެސް، އެތަނަށް ވަންތަނާ، ބޯކޮށް ވާރޭވެހެން ފެށިއެވެ. ބޯކޮށް ވާރޭވެހި ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވާން ފެށިއިރު، ބައެއް ފަހަރު 16 ފޫޓަށްވެސް މި ހޮހޮޅައިގެ ތެރޭގައި ފެން ބޮޑުވާކަން އެނގެއެވެ. މިކަން އެކުދިންނަށާއި، މައޭ ސާއީ ސަރަޙައްދުގެ ގިނަ މީހުންނަށްވެސް އެނގޭކަމަށްވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ވައިލްޑް ބޯރ ޓީމުގައި، އެދުވަހު ހޮހޮޅަ ބަލާލަން ނުދާ މެންބަރަކުވެސް ހިމެނެއެވެ. ކުދިން ހޯދުމުގައި އޭނާގެ އެހީތެރިކަންވެސް ލިބިފައިވެއެވެ.