ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައި ތިބި 12 ކުދިންނާއި 25 އަހަރުގެ ކޯޗު ސަލާމަތް ކުރެވިގެން ދިއުން ވެފައިވަނީ، މި މަހުވެސް ލިބުނު އެންމެ ވަރުގަދަ ޚަބަރަށެވެ. މިކަން ވެފައިވަނީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ، ރެސްކިއު އޮޕަރޭޝަންތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ އެއް ރެސްކިއު އޮޕަރޭޝަނަށްވެސްމެއެވެ. އެއީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.

ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގެ މަސައްކަތް، ޑައިވަރުންނަށްވީ އުނދަގޫ ކަމަކަށެވެ. އެންމެ ތަޖުރިބާކާރު ޑައިވަރުންނަށްވެސް، މިކަންވީ އެތައް ގޮންޖެހުންތަކެއް ކުރިމަތިކުރުވި ކަމަކަށްވާއިރު، މި ގޮންޖެހުންތަކާ ބެހޭގޮތުން، އެފަރާތްތަކުން ވާހަކަ ދައްކާފައިވެސްވެއެވެ.

އޮޕަރޭޝަނަށް ފަހު ޑައިވަރުން ކިޔައިދީފައިވާ ގޮތުގައި، އެންމެ އުނދަގޫވީ އެއް ކަމަކީ ނުވަތަ އެންމެ ގޮންޖެހުންތައް ބޮޑުވި އެއް ކަމަކީ ހޮހޮޅައިގެ ތެރޭގައި ހުރި އެންމެ ކުޑަ ކުއްޖާ ސަލާމަތް ކުރުމެވެ. އުމުރުން އެންމެ 11 އަހަރުގެ މި ކުއްޖާއަކީ، އެހެން ކުދިންނާ އަޅާ ބަލާއިރު އިސްކޮޅުންނާއި ސައިޒުންވެސް ކުޑަ ކުއްޖެކެވެ.

ހޮހޮޅައިގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ނެރެނީ މުޅި މޫނު ފޮރުވޭވަރުގެ، ސްކޫބާ ޑައިވުގައި ބޭނުންކުރާ ފުލް ފޭސް މާސްކު އަޅުވައިގެންނެވެ. މި މާސްކުތައް ހުންނަނީ ކުދިންގެ މޫނަށް ރަނގަޅަށް ފިޓުވެފައިކަމަށްވާއިރު، ރަނގަޅަށް ފިޓު ނުވާނަމަ، އެތައް މައްސަލައެއްވެސް ކުރިމަތިވާނެއެވެ.

އެހެންނަމަވެސް، އެންމެ ކުޑަ ކުއްޖާއަށް ހެޔޮވަރުގެ، މިފަދަ މާސްކެއް ހޯދުންވީ، އުނދަގޫ އަދި ބޮޑު ތަކުލީފަކަށެވެ. އެފަދަ މާސްކަކާ ނުލައި ކުއްޖާ ހޮހޮޅައިން ނެރެވޭކަށްވެސް ނެތެވެ. އެހެންނަމަވެސް، ގޮތްތަކެއް ހަދައިގެން، މާސްކެއްވަނީ ކުއްޖާގެ މޫނަށް ހެޔޮވަރު ކޮށްފައެވެ.

ހޮހޮޅައިގައި ތާށިވި ޓީމުގެ ފޮޓޯއެއް

އޮޕަރޭޝަނަށް ފަހު ޑައިވަރުން ދިން އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުން، އެކުއްޖާގެ މޫނުން، މާސްކު ނެއްޓިދާނެކަމުގެ ބިރު، ކުއްޖާ ނެރުމުގެ މަސައްކަތް ކުރަމުންދިޔައިރުވެސް އޮތެވެ. މާސްކު ނެއްޓިއްޖެނަމަ، ކުއްޖާއަށް ބޭނުންވާ އޮކްސިޖަން ނުލިބި، މަރުވުމަކީ ގާތް ކަމެކެވެ.

އެހެންނަމަވެސް، ނަސީބު ކަން ދިމާ ކުރިގޮތުން، ސަލާމަތްތެރިކަމާއެކު އެކުއްޖާވެސް ނެރެވިފައިވެއެވެ.

މިއިން ކޮންމެ ކުއްޖަކުވެސް ނެރެފައިވަނީ ހާސްކަން ކުޑަ ކުރުވައިދޭ އެންޓި-އެންޒައިޓީ ބޭހެއް ދީގެންނެވެ. މި ބޭސް ދިނުމުން ބައެއް ކުދިންނަށް ނިދުނުކަމުގައިވިޔަސް، ބައެއް ކުދިންގެ ހޭވެރިކަންވެސް ހުއްޓެވެ. ކުދިންނަށް ދިން ބޭހުގެ ބާރުގަދަކަމުގެ މިންވަރު، ތައިލެންޑް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.