މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، ތައިލެންޑުގެ ތަމް ލުއަންގ ހޮހޮޅައިން ސަލާމަތްކުރި 12 ކުދިންނާއި ކޯޗުގެ ވީޑިޔޯއެއް އާއްމުކޮށްފިއެވެ. އެފަރާތްތައް، ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ތިއްބާ ނަގާފައިވާ މި ވީޑިޔޯގައި، ކޮންމެ ކުއްޖަކުވެސް ވަކިވަކިން މެސެޖެއް ދީފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ރިކޯޑުކޮށް، އިއްޔެ އާއްމުކޮށްފައިވާ މި ވީޑިޔޯގައި ހުރިހާ ކުދިންނާއި ކޯޗުވެސް ތިބީ ސާޖިކަލް ގައުނު ލައިގެން، ފޭސް މާސްކުވެސް އަޅައިގެންނެވެ.

އިއްޔެ، ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އާއްމުކޮށްފައިވާ ވީޑިޔޯގައި، ކުދިން ބުނެފައިވާ ގޮތުން، އެފަރާތްތަކުގެ ޞިއްޙީ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި، އެމީހުންނަށް މިހާރު އާދައިގެ ކާނާ ކައި އުޅެވޭކަމަށް ބުނެފައިވެއެވެ.

އިނގިރޭސި ބަހުން މެސެޖު ދީފައިވާ އުމުރުން 14 އަހަރުގެ އަދުލް ސަމް-އޮން ބުނެފައިވާ ގޮތުގައި އޭނާގެ ހާލުވެސް ރަނގަޅެވެ. އަދި، އެކުދިން ސަލާމަތްކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެސްވެއެވެ.

ހޮހޮޅައިން ސަލާމަތްކުރި ބައެއް ކުދިން

"އަހަރެން މިހާރު ރަނގަޅު. ދިން އެހީތެރިކަމަށް ޝުކުރިއްޔާ. ވަރަށް ބޮޑަށް ޝުކުރިއްޔާ." އޭނާ ބުނެފައިވެއެވެ.

ހަމައެހެންމެ، ބައެއް ކުދިން ވަނީ އެކުދިން ކާން ބޭނުންވާ ކާބޯތަކެތިވެސް، ވީޑިޔޯތަކުގެ ޒަރީއާއިން އާއްމުކޮށްފައެވެ. އެގޮތުން، 16 އަހަރުގެ ޕޯންޝައި ވަނީ އޭނާ މިހާރު އެންމެ ކާން ބޭނުންވާ ބާވަތް ހާމަކޮށްފައެވެ.

އުމުރުން 13 އަހަރުގެ ޕަނުމަސް، ތައިލެންޑު ބަހުން ބުނެފައިވަނީ އެމީހުންނާމެދު ވިސްނީތީ، ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާކަމަށެވެ. އެހެންނަމަވެސް، ދެން އިތުރަށް އެމީހުންނާމެދު ހާސްވާނެކަމެއް ނެތްކަމުގައެވެ.

ވީޑިޔޯގެ ޒަރީއާއިން ދުނިޔެއަށް މެސެޖު ދެމުން، 12 ކުދިން ހިމެނޭ ވައިލްޑް ބޯރ ޓީމުގެ އެސިސްޓަންޓް ކޯޗު، އެއްކަޕޮލް ވަނީ ޑޮކްޓަރުންނަށާއި ތައިލެންޑް ނޭވީ އަދި އެޤައުމުގެ ބޮޑުވަޒީރަށް ޝުކުރު އަދާކޮށްފައެވެ. އަދި، މިހާރު އޭނާގެ ޙާލުވެސް ރަނގަޅުކަމަށާއި އޭނާއަށްވެސް އާއްމު ކާނާ ބޭނުންކުރެވޭކަމަށް ބުނެފައިވެއެވެ.

12 ކުދިންނާއި ކޯޗު ސަލާމަތްކޮށްފައިވަނީ ހުސްވި ހަފްތާގެ އަންގާރަ ދުވަހުއެވެ.