ހެއިޓީގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގެ ބޮޑު ވަޒީރު ޖެކް ގާއި ލެފޮންޓަންޓް އިސްތިއުފާ ދެއްވައިފިއެވެ. ހޮނިހިރު ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވީ އެގައުމުގެ ތެލުގެ އަގު ބޮޑުކުރަން އޭނާ ކުރި މަސައްކަތާ ދެކޮޅަށް އެގައުމުގައި ހިންގަމުންދިޔަ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ނިމިގެން ދިޔަ ހަފްތާގައި ތެލުގެ އަގު ކުޑަކުރުމަށް ގޮވާލާ އެގައުމުގެ ގިނަ އަދަދެއްގެ އާންމުން ވަނީ އެގައުމުގެ ވެރިރަށް ޕޯޓް އައު ޕްރިންސް ގައި ހަމަނުޖެހުންތައް އުފައްދަާފައެވެ. އެގޮތުން މި ހަމަނުޖެހުންތަކުގައި އެގައުމުގެ އާންމުންގެ 7 މީހުން މަރުވެފައިވެއެވެ. އަދި އެތައް ވިޔަފާރި ތަކެއް ވަނީ ހަލާކުކޮށް ލޫޓުވާފައެވެ.

ހަމަނުޖެހުންތަކަށް ޖަވާބުދާރީ ވުމަށް ހެއިޓީގެ ޗެމްބާ އޮފް ޑެޕިއުޓީސް އިން ކުރި ސުވާލުތަކުގެ ޖަވާބުގެ ބަދަލުގައި އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ލެފޮންޓަންޓު ވަނީ އިސްތިއުފާ ދިން ކަމުގެ ސިޓީ އެގައުމުގެ ރައީސް ޖޮވެނެލް މޮއީސް އާ ހަވާލުކޮށްފައެވެ.

38% އާއި 51% އާ ދެމެދުގެ އަދަދަކަށް ތެލުގެ އަގުތަށް ބޮޑޫކުރުމަށް ހެއިޓީގެ ކޮމާސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އިންވަނީ މިމަހުގެ ކުރީ ކޮޅުގައި އިއުލާން ކޮށްފައެވެ. އަދި އެއާ ވިދިގެން ހެއިޓީގެ ކުރީގެ ބޮޑު ވަޒީރު ބުނެފައިވަނީ އެގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި ތެލުގެ އަގުތަށް މަތިކުރުން މުހިންމުކަމަށެވެ. އޭގެފަހުން މެދުކެނޑުމެއްނެތި ހަމަނުޖެހުންތައް ވަނީ ޕޯޓް އައު ޕްރިންސް ގައި ކުރިޔަށް ގެންގޮސްފައެވެ. އަދި އެގައުމުގެ ބޮޑު ވަޒީރު މަގާމުން ފައިބަިވަޑައިގަތުމަށްވެސް މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ލެފޮންޓަންޓު ހެއިޓީގެ ބޮޑު ވަޒީރު ކަމަށް ހޮވިވަޑައިގަތީ 2017 ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އަދި 57 އަހަރުގެ އޭނާ އަކީ ބޮޑު ވަޒީރު ކަމަށް ހޮވިވަޑައިގަތުމުގެ ކުރީގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ. އަދި ހެއިޓީގެ މެޑިކަލް އެސޯސިއޭޝަނުގެ މެމްބަރުކަމާއި އެމެރިކަން ކޮލެޖް އޮފް ގޭސްޓްރޯއެންޓެރެލޮޖީގެ މެމްބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.