ޔޫކްރޭންގެ ދެސަރަހައްދެއް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ރަޝިއާ އިން ނިންމި ނިންމުމަކީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވެރިކަމުގައި ހުރިއިރު ވެސް ޓްރަމްޕް އަކީ ރަޝިއާ އަށް ރަނގަޅުވާ ގޮތައް ކަންކަން ކުރި ރައީސެއް ކަމުގެ ތުހުމަތު ކުރެވެއެވެ. ޓްރަމްޕް ވެރިކަމަށް އައުމަށް ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެމެރިކާ އިން ކުރި ތަހްގީގަކުން ނިންމާފައި ވެސް ވެއެވެ.

އެމެރިކާގެ ރޭޑިއޯއަކަށް އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ޔޫކްރޭންގެ ދެސަރަހައްދެއްގެ މިނިވަންކަން ބަލައިގަންނަން ރަޝިއާ އިން ނިންމި ނިންމުމަކީ ވަރަށް މޮޅު، ބުއްދިވެރި ނިންމުމެއް ކަމަށެވެ. ނަމަވެސް އޭނާ އެމެރިކާގެ ވެރިކަމުގައި ހުރިނަމަ އެފުރުސަތު ރަޝިއާ އަށް ނުލިބުނީސް ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ރަޝިއާ އިން މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަތް ޔޫކްރޭންގެ ދެސަރަހައްދު ކަމަށްވާ ޑޮނެސްކް އާއި ލުހަންސްކް އަށް ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން ފޮނުވަން ޕޫޓިން ނިންމުމުން އެކަމަށް ވެސް ޓްރަމްޕް ވަނީ ތައުރީފް ކޮށްފައެވެ. ޓްރަމްޕް ބުނީ އެންމެ ވަރުގަދަ ސުލްހަ ބަލަހައްޓާ ފައުޖެއް އޮތީ ރަޝިއާގައި ކަމަށެވެ.

"އެންމެ ވަރުގަދަ ސުލްހަ ބަލަހައްޓާ ފައުޖެއް އޮތީ ރަޝިއާގައި. އަހަރެމެން އެމެރިކާގެ ދެކުނުގެ ބޯޑަރު ބަލަހައްޓަން ވެސް ގެންނަންވީ ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން. އަހަރެން ނުދެކެން އަދި އެއަށްވުރެ ވަރުގަދަ ސުލްހަ ބަލަހައްޓާ ފައުޖެއް. އެމީހުންގެ އަތުގައި ވަރަށް ގިނަ ޓޭންކަރު އެބަހުރި. އެންމެ ގިނަ ޓޭންކަރު ހުރީ ރަޝިއާގައި. ރަޝިއާ އަށް ސުލްހަ ގެނެވިދާނެ." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ ރަޝިއާގެ ރައީސް ޕޫޓިން އަކީ ރަނގަޅަށް ކަންކަން ނިންމާ ވަރަށް މޮޅު މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަގުޑި

    ދިވެހިންވެސް ތިބީ ރަޝިޔާއާ އެއްކޮޅުގަ. އެކަމުވެސް ޑޮލަރުވެސް ބޭނުން...

    30
    4
    • ރެފްރީ

      ޑޮލަރުހޯދާބަޔަކުއެހޯދާނެ.. އަހަރެންސަޕޯޓުކުރާނީ ރަޝިޔާއަށް.

      18
      2
  2. ،ހަނި

    މަވެސް ރަސިޔާ

  3. ޒާ

    ޓްރަންޕް ހިކުމަތްތެރި ވަަހަކަތަކެއް ދައްކައިފި

    6
    1
  4. އަފީ

    އެމެރިކާ ، އިގިރޭސިވިލާތް، އިންޑިއާ މި ތިން ގައުމަކީ މުސްލިމުނަށް ބިރެއް! އަދި މުސްލިމުގައުމުތަކުގެ ފިތުނަފަސާދަ އުފައްދާ ތިންގައުމު. ގައުމުތަކުގެ ދާހިލީ ކަންކަމަށް އަތްބާނާ ގައުމުތަށް ފުޑާލާން މަސައްކަތްކުރާ ތިން ގައުމު.

  5. ދާއޫދު

    އަފީފޫ ކަލޭ ތިޔަ ލިސްޓުން ޗައިނާ އާއި އިސްރާއީލް އުނިކުރީ ކަލޭގެ ހިތުގަ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑަށް އަށަގަންފަ އޮތީމަ! ތިޔަކަހަލަ މީހުނަށް އިންސާފަކުން ވާހަކަ ނުދެއްކޭނެ! ދުނިޔޭގަ މުސްލިމުންނަށް އަނިޔާ ކުރާ ބައެއް ޗައިނާ އާއި އިސްރާއީލް އަކީވެސް.