ކުޑަ ކުއްޖަކު ވަގަަށް ނެގި ކަމަށް ބުނެ އިންޑިޔާގައި 200 މީހުންގެ ގުރޫޕަކުން މީހަކަށް އަނިޔާކޮށް މަރާލައިފިއެވެ.

މި ހާދިސާ ހިންގާފައި ވަނީ އިންޑިއާގެ ހައިދުރަ އާބާދުގައި އެވެ. 200 މީހުންގެ ގުރޫޕަކުން މުހައްމަދު އަޒާމް އަށް އަނިޔާ ކޮށް މަރާލީ އިތުރު ބަޔަކާއި އެކު ކުޑަ ކުއްޖަކު ވަގަށް ނެގި ކަމަށް ތުހުމަތު ކޮށެވެ.

މިހާދިސާ ގައި މުހައްމަދު އަޒާމް އަށް އަނިޔާ ކޮށް މަރާލައިފައި ވާއިރު އިތުރު ތިން މީހަކުގެ ހާލު ސީރިއަސް ވެގެން ދަނީ ފަރުވާ ދެމުން ނެވެ. މުހައްމަދު އަޒާމް އަކީ ޖޫޖުލްގެ ސޮފްޓްވެއާ އިންޖިނިއަރެކެވެ. މިހާދިސާގައި ޒަހަމް ވި ތިން މީހުންގެ ތެރޭގައި ގަތަރަށް ނިސްބަތްވާ މީހަކުވެސް ހިމެނެއެވެ.

https://m.youtube.com/watch?v=JIZAwiY3jpI

މުހައްމަދު އަޒާމް އަދި އިތުރު ތިން މީހަކު އަނިޔާގެ ސިކާރައަކަށްވީ މަޝްހޫރު މީސް މީޑިއާ ވަޓްސް އެޕް އަށް ލިބުނު ދޮގު މައުލޫމާތަކުންނެވެ.

އިންޑިއާގެ ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މިމައްސަލައިގައި ބައިވެރިވި 14 މީހަކު މިހާތަނަށްވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގައި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައި އެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެގައުމުގައި ކުޑަކުދިން ވަގަށް ނަގައި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާ އިރު 82 ޕަސެންޓަށް އިތުރުވެފަ އެވެ.

އިންޑިއާގައި 2012 ވަނަ އަހަރު އަންހެން ކުއްޖަކު ބަހެއްގެ ތެރޭގައި ރޭޕް ކުރި ހާދިސާ އަށް ފަހު ރޭޕްގެ މައްސަލަތަކުގައި މަރުގެ ޙުކުމް އިއްވަން ވަނީ ފަށާފައެވެ.