ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި ކުދިން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން ސަބްމެރިންއެއް ފޮނުވައިގެން ބިލިއަނަރު އެލޮން މަސްކް ބޭނުންވީ ޕީއާރް ސްޓަންޓެއް ޖައްސާ މީހުންގެ ސަމާލުކަމާއި މަގުބޫލްކަން ހޯދަން ކަމަށް ތަޖުރިބާކާރު ބައެއް ޑައިވަރުން ބުނެފިއެވެ.

ދެކުނު އެފްރިއާ އަށް އުފަން، މިހާރު އިސްރާއީލް ރައްޔިތަކަށް ވެފައިވާ ނަމަވެސް އެމެރިކާގައި ދިރިއުޅޭ މަސްކް އަކީ ޓެސްލާ ކުންފުނީގެ ސީއީއޯ އެވެ. އެތައް ވިޔަފާރިއެއް ކުރާ މަޝްހޫރު ވިޔަފާރިވެރިޔާ ވަނީ ކުދިން ހޮހޮޅައިގައި ތާށިވުމުން އެކުދިން ސަލާމަތް ކުރެވިދާނެ ތަފާތު ޚިޔާލުތައް ދީފައެވެ.

އަދި އޭނާގެ ކުންފުނިތަކުގައި މަސައްކަތް ކުރާ ސައިންސްވެރިންނާއި ތަޖުރިބާކާރުން ވަނީ ތައިލެންޑަށް ފޮނުވާ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިކޮށްފައެވެ. މީގެ އިތުރުން މަސްކް ވެސް ވަނީ ހޮހޮޅައަށް ޒިޔާރަތް ކޮށްފައެވެ.

ހޮހޮޅައިން ކުދިން ނެރުމަށް މަސްކް ހުށަހެޅި އެއް ގޮތަކީ ކުޑަ ސަބްމެރިންއެއްގައި އެކުދިން ނެރުމެވެ. އެކަމަށްޓަކައި އޭނާ ތައްޔާރުކުރި ސަބްމެރިންއެއް ވެސް ހޮހޮޅަ ކައިރިއަށް ގެންދިޔައެވެ. ނަމަވެސް ތައިލެންޑްގެ އަސްކަރިއްޔާ އިން ނިންމީ އެސަބްމެރިން އަކީ ކުދިން ސަލާމަތް ކުރުމަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށެވެ.

ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި އިނގިރޭސިވިލާތުގެ ޑައިވަރެއް ކަމަށްވާ ވެރޮން އަންވާތު ވެސް ބުނީ ސަބްމެރިންއެއްގައި ކުދިން ހޮހޮޅައިން ނުނެރެވޭނެ ކަން ހޮހޮޅައިގެ މައުލޫމާތު އެނގޭ ކޮންމެ މީހަކަށް ވެސް އޮންނާނީ އޮޅުންފިލާފައެވެ. އެހެންކަމުން މަސްކް އަށް ވެސް އޮންނާނީ އެކަން އެނގިފައި ކަމަށާއި ނަމަވެސް މަސްކް ހޮހޮޅައަށް ސަބްމެރިން ފޮނުވީ މީހުންގެ ސަމާލުކަން އޭނާ އަށާއި އޭނާގެ ކުންފުންޏަށް ހޯދަން ކަމަށް ވެރޮން ބުންޏެވެ.

ހޮހޮޅައިގެ ބައެއް ސަރަހައްދުތަކުގައި 40 ވަރަކަށް ސެންޓިމީޓަރު ހުރުމުން އޮކްސިޖަން ފުޅި ބުރަކަށީގައި ހަރުކޮށްގެން ޑައިވަރުންނަށް ވެސް ދަތުރެއް ނުކުރެވެއެވެ. ހޮހޮޅައިގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި އޮތް ނަމަވެސް ބޮޑު ސަރަހައްދެއްގައި ފެންގަނޑު ހިނދިފައި ވެސް އޮތެވެ. އެހެންކަމުން އެސަރަހައްދުތައް ހުރަސްކުރަން ޖެހުނީ ފައިމަގުގައި ހިނގާފައެވެ. އެހެންކަމުން ކުދިން ތިބި ސަރަހައްދުން ހޮހޮޅައިގެ ބޭރަށް ކުދިން ސަބްމެރިންގައި ނެރެން މަސައްކަތް ކުރިނަމަ ސަބްމެރިން އަށް ކުދިން ލުމާއި އަނެއްކާ ސަބްމެރިން އިން ކުދިން ނެރުމަށް ވެސް ގިނަ މަސައްކަތްތަކެއް އުނދަގޫ ހާލަތެއްގައި ތިބެގެން ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން މަސްކްގެ ސަބްމެރިން އަކީ މިފަދަ ހާލަތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޓެސްޓް ވެސް ކޮށްފައިވާ އެއްޗެއް ނޫނެވެ. އެހެންކަމުން ބައެއް ތަޖުރިބާކާރުން ފުރަތަމަ ވެސް ވަނީ އެސަބްމެރިން ބޭނުން ނުކުރުމަށް ގޮވާލާފައެވެ.

ހޮހޮޅައިން ކުދިން ނެރުމުގެ އޮޕަރޭޝަންގައި ސަބްމެރިން ބޭނުން ނުނުކުރި ނަމަވެސް މަސްކް ބުނެފައި ވަނީ މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ބޭނުން ކުރުމަށް ސަބްމެރިން އިތުރަށް ތަރައްޤީ ކުރާނެ ކަމަށެވެ.