އިންޑިޔާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި، އަންހެނުންނާ ދެކޮޅަށް ހިންގަމުންދާ ރޭޕާއި އެނޫންވެސް އެފަދަ ކުށްތައް ބަލައި، އެކަންކަން ކުރާ މީހުން އަތުލައިގަތުމަށް އުފައްދާފައިވާ "އެންޓި-ރޯމިޔޯ" ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް، އެސަރަޙައްދުގެ ސަރުކާރުން ނިންމައިފިއެވެ.

މި ސްކޮޑް ވަރުގަދަކޮށް، މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކުލަ ހެދުމުގައި އިތުރު ފުލުހުން ނެރުމަށްވަނީ ހަމަޖެހިފައެވެ. އަދި، މި މީހުން ނެރޭނީ އާއްމުކޮށް މީހުން އެއްވެ އުޅޭ މަގުތަކާއި، ކޮލެޖުތަކާއި، ޝޮޕިންގ މޯލްތަކާއި، ބާޒާރުތަކާއި، ސްކޫލުތަކާއި، ބަސް ހުއްޓިތައް އަދި ޕާކުތައް ފަދަ ތަންތަނަށްކަމަށްވެސް ވަނީ އާއްމުކޮށްފައެވެ.

ހަމައެހެންމެ، އެންމެ ކުށްވެރިޔަކުވެސް ފުލުހުންގެ އަތްދަށު ނުވެ ދޫނުވާނޭ ގޮތް ހެދުމަށް، އެތަންތަނުގައި ފޯރި މެރުމަށް ކުލަ ހެދުމުގައި ނެރޭ ފުލުހުންގެ ހެދުމުގައި ކުޑަ ކެމެރާއެއް ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، އާއްމު ތަންތަނުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ކަންތައްތައް ބަލައި، އެކަން ކަން ހުއްޓުވުމަށް ނެރޭ ފުލުހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭނެއެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، އަންހެނުންނަށް ރައްކާތެރި މުޖުތަމަޢެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަންހެނުންނަށް އަނިޔާކޮށްގެން ނުވަތަ އަންހެނުން ރޭޕުކޮށްގެން ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީ ކުރަމުންދަނީ ވަކި ފައިލެއްގައެވެ. އަދި، ޤަވާއިދުން ކަމާ ބެހޭ ފަރާތްތަކުން އެއް މޭޒެއްގެ ދޮށަށް އެއްވެ، މައްސަލަތަކާ ބެހޭގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އެންޓި ރޯމިޔޯ ސްކޮޑުން އަލަށް ޢަމަލު ކުރުމަށް ނިންމާފައިވާ އުސޫލުގެ ދަށުން، އަންހެނަކާއި ފިރިހެނަކާ، ގައިގޯޅިވެގެން އުޅޭ މަންޒަރު ފެނިއްޖެނަމަ، އެކަންތައްތައް ގާތުން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެއެވެ. މިކަމާ އެސަރަޙައްދުގެ ބައެއް ޒުވާނުން ނުރުހޭކަމަށް، އެޤައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

އަންހެނުން ރޭޕުކުރުމާއި އެފަދަ އެހެން ލާއިންސާނީ ޢަމަލުތައް ހިންގުމަކީ މިހާރު އިންޑިޔާގައި އާއްމުވެފައިވާ ކަމެކެވެ. އަދި، އެކަން ކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅެއް ސަރުކާރުތަކުން އަޅަމުން ނުދާކަމަށްވެސް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝަހީމް

    ކޮބާ އީޔޫ މިކަންހުއްޓުވަބަލަ

  2. ރީނދޫ

    ޔަހޫދީން ޢިޒް ޔަހޫދީން....އިޓް ވޯންޓް ޗޭންޖް....

  3. އ.ޖ.އ

    މިވެސް ހަމަ ފަންޑިތަބާ؟

  4. ސަސީ

    އިންޑިޔާގެ ފުލުހުނަށް އިތުަބާރު ކުރަން ހެޔޮނުވާނެ

  5. ފައި

    ކަލޯ ތިޔަ ނެރޭ އެންޓި ރޯމިއޯ ސްކޮޑުން ދެން އަންހެނުން ރޭޕް ކުރަން ފަށާނީ .. ތީ އިންޑިއާ އޭ އިންގޭތޯ!!!!!

  6. މަ

    ރާއްޖެ ފުލުހުންނައްވުރެ ރަންގަޅުވާނެ އިންދިޔާ ގެ ފުލުހުން ވެސް.