އިސްރާއިލުގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އަނެއްކާވެސް މިވަނީ، ކުށެއް ނެތް ދެ ފުރާނަ ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. ހަތިޔާރެއް އަދި އާރެއް ބާރެއް ނެތް، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިސްރާއިލުން ދިން ހަމަލާތަކުގައި އެންމެ ފަހުން މަރުވެފައިވަނީ އުމުރުން 16 އަހަރާއި 15 އަހަރުގެ ކުއްޖެކެވެ.

މި ހަމަލާތަކުގައި މަރުވެފައިވާ ދެ ކުދިންނަކީ އާމިރުލް ނިމްރާ އަދި ލުއޭ ކަހީލް އެވެ. މިއީ، އެއް މާބަނޑު ދެބެންފަދަ، ލާމަސީލު އެކުވެރި ދެ އެކުވެރިންނެވެ. މިކަމަށް އެކުދިންގެ އާއިލާތަކުން މިއަދުވެސް ވަނީ ހެކިވެފައެވެ.

ލުއޭގެ މަންމަ، ކިޔައިދީފައިވާ ގޮތުގައި އެއީ އެއްވެސް ގޮތަކަށް ވަކި ކުރެވޭނެ ދެ ކުދިންނެއް ނޫނެވެ. ދުނިޔެ ދޫކުރުއިރު ދެ އުމުރެއްކަމުގައިވިޔަސް، ދެ ކުދިންވެސް އުފަންވެފައިވަނީ އެއް އަހަރެއްގައެވެ. އެއީ 2003 ވަނަ އަހަރުއެވެ.

އެންމެ ކުޑައިރުންސުރެ ދެ ކުދިންވެސް އުޅެމުންދިޔައީ ވަރަށް އެކުގައެވެ. ބޮޑުވީ އެއް ސަރަޙައްދެއްގައި އެއް މަގެއްގައެވެ. ހަމައެހެންމެ، ޕްރީ ސްކޫލުން ފެށިގެން ގޮސް، އެންމެ ފަހު ވަގުތާ ހަމައަށްވެސް ދެ މީހުން ތިބީ ކުލާސް މޭޓުންގެ ގޮތުގައެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދަނީވެސް އަދި ސްކޫލުން އެނބުރި އަންނަނީވެސް އެކުގައިކަމަށް، ލުއޭގެ މަންމަ ބުނެފައިވެއެވެ.

މި ދެ ނަމޫނާ އެކުވެރިންނަކީ ކުޅިވަރަށްވެސް ލޯބިކުރާ ބައެކެވެ. ރޭ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޚަބަރުތައްވެސް ބަލައި، ކޮންމެ ދުވަހަކުވެސް ދިޔައީ އަދާހަމަކުރަމުންނެވެ. ހަމައެހެންމެ، ޓީމުތަކުގެ މޮޅު ކުޅުންތެރިންނާ އެކުދިންނާ އަޅުވާ ކިޔުމަކީވެސް އާދައެކެވެ.

ލުއޭގެ މަންމަ އިތުރަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ ދަރިފުޅަކީ ކިޔެވުމަށްވެސް މޮޅު، ހުޝިޔާރު ކުއްޖެކެވެ. ފޮތް ކިޔުމަށް އޭނާ ޝައުގުވެރިކަން ހުންނައިރު، ސްކޫލު ނިންމުމަށްފަހު، އެހެން ޤައުމަކަށް ގޮސް ޔުނިވަރސިޓީގައި ކިޔެވުމަކީވެސް އޭނާ ދެކެމުން އައި ހުވަފެނެއްކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، މިކަންތައްތަކަށް ހިޔަނި އެޅުނީއެވެ. އުމް ލުއޭގެ މަންމަ ބުނެފައިވާ ގޮތުން، އޭނާގެ ދަރިފުޅު ގެއިން ނިކުމެގެން ދިޔައީ ބޯޅައެއް ހިފައިގެންނެވެ. ހަތިޔާރެއް ހިފައިގެންނެއް ނޫނެވެ.

ދެ ކުދިން ޝަހީދުކޮށްލި ދުވަހުގެ ވާހަކަތައް ކިޔައިދެމުން އެ އަންހެން މީހާ ބުނެފައިވަނީ އެދުވަހު ދިން ވައިގެ ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވީ އާމިރުކަމަށެވެ. އަދި، އަމިއްލަ ދަރިފުޅު ހޯދަން އުޅެވުނީވެސް އާމިރު ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް ފަހުކަމަށެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު މަރުވި ޚަބަރު ލިބުނީ އެތަނުގައި ހުއްޓާކަމަށްވެސް، އޭނާ ބުނެފައިވެއެވެ.