ސީރިޔާގެ އިރުމަތީ ޣޫޠާއަށް ދެމުންދާ ޙަމަލާތައް 30 ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވަނިކޮށް، ސީރިޔާގެ އަސްކަރިއްޔާއިން އެސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، ބަޝާރަށް ވަފާތެރި ސީރިޔާގެ ސިފައިންގެ ލަޝްކަރުތަކުން ދަނީ ޣޫޠާގެ އެތެރޭގައި ތިބި އިދިކޮޅު ފަރާތްތަކުގެ ގުރޫޕުތަކާ ހަމަލާ ދެމުންނެވެ. ހަމައެހެންމެ، ހަނގުރާމަމަތީ މަތިންދާބޯޓުތައް ބޭނުންކޮށްގެން، ސީރިޔާގެ ސިފައިން ދަނީ އެސަރަޙައްދުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

"އަލް ޖަޒީރާ" އިން މިއަދު ބުނެފައިވާ ގޮތުގައި، މުޅި ޣޫޠާ އެއްކޮށް ހިފުމަށް ސީރިޔާގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެސިޓީގެ އެކި ފަރާތްތަކުން އަރާ، މުޅި ސިޓީ އެއްކޮށް ހިފުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ސީރިޔާގެ ސިފައިން، ޣޫޠާގެ އާއްމުންނަށްވެސް ހަމަލާ ދެމުންދާއިރު، ޞިއްޙީ އަދި އެނޫންވެސް މަދަނީ ވަސީލަތްތަކަށް ދަނީ ހަމަލާ ދެމުންނެވެ.

ސީރިޔާގެ މަޝްރަހު ގާތުން ބަލަމުންދާ ފަރާތްތައް ބުނާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ވަނީ 500 މީހެއްގެ ފުރާނެ ގެއްލިފައެވެ.

ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް، ސަލާމަތީ މަޖިލީހުން އައިސްފައިވަނީ، އެކަމަށް މުޅި މަޖިލިސް އިއްތިފާޤުވެގެންނެވެ.