ރޭ ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފްރާންސް އިން ކާމިޔާބު ކުރުމުން މުޅި ގައުމުދަނީ އެކަން ފާހަގަކުރަމުންނެވެ. މި ހަރަކާތްތައް ފަށާފަައި ވަނީ، ރޭގެ މެޗުގެ އެންމެ ފަހު ކަށިގަނޑު ފުމުމާއެކުގައެވެ.

ރޭގެ މެޗަށް ފަހު އެ ގައުމުގައި އަޑު ކެޑުމެއް ނެތެވެ. ގިނަ ބަޔަކު ސަކަރާތާއި މަޖަލުގައި އަދި ހަމަނުޖެހުމުގައި ވޯލްޑްކަޕްގެ މޮޅުވުން ފާހަގަކުރިއިރު، އެ ގައުމުގައި ދެ މީހަކު ވަނީ އެ ސަކަރާތުގައި މަރުވެސް ވެފައެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މެޗަށް ފަހު އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި 292 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ޕެރިހުންނެވެ. އެތަނުން 102 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، 92 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ބައެއް ސަރަހައްދުތަކުން މީހުން ނުކުމެ ތަންތަން ލޫޓުވުމުގެ ހަރަކާތްތައްވެސް ކުރިއެެވެ. އަދި ފުލުހުންނަށް އެކަން ހުއްޓުވިފައެއްވެސް ނުވެއެވެ. މީގެ ތެރެއިން ބޮޑު ފިހާރައަކަށްވެސް ގެއްލުންތަކެއް ވަނީ ދީފައެވެ. އެގޮތުން އިއްޔެ ޗެމްޕް އެލީސީސް ކައިރީ ހަމަނުޖެހުން ހިންގާފައިވާއިރު، ފުލުހުން ވަނީ އެތަނަށް އެއްވި ގިނަ ބަޔަކު އެތަނުން ފޮނުވާލުމުގެ ބޭނުމުގައި ކަރުނަ ގޭސް ޖަހާފައެވެ.

އެ މީހުން ޗެމްޕްސް އެލީސީސް ސަރަހައްދުގައި ހުރި ފިހާރައެއް ކައިރިއަށް އެއްވެފައި ވަނީ ފްރާންސްގެ އާ ޓީޝާޓްތަކެއް ގަތުމަށެވެ.

އަދި މީގެ އިތުރުން ބައެއް ފިހާރަތަކުގެ ބިއްލޫރިގަނޑު ތަޅާލައި، އާއްމުންގެ މުދަލަށާއި އެއްޗެއްސަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. އަދި ގަލުން ފުލުހުންނަށްވެސް އަނިޔާކުރިއެވެ.

މި ހާދިސާތަކާއި، ގުޅިގެން ގިނަ ހިދުމަތްތަކެއް އިއްޔެ އާއި މިއަދު ވަނީ ހުއްޓާލާފައެވެ. އޭގެ ތެރޭގައި ބަސް ދަތުރުތަކާއި ރޭލު ދަތުރުތައް ހިމެެނެއެވެ. މިކަން މިގޮތަށްކޮށްފައި ވަނީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އެ ގައުމުން ބުންޏެވެ.

މި ހާދިސާތަކުގައި އެ ގައުމުގެ ދެ މީހަކު މަރުވިކަމަށް ފުލުހުން ރިޕޯޓްކޮށްފައިވާއިރު، އެތައް ހާސް ބަޔަކަށް ބޮޑެތި އަނިޔާތަކެއްވި ކަމަށް ވެއެވެ.

މިއީ ފްރާންސް އިން ވޯލްޑްކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ އެ ގައުމަށް ވޯލްޑަކަޕްގެ ތަށި ކާމިޔާބު ކުރީ 1998 ވަނަ އަހަރުއެވެ.