ތައިލެންޑުގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވި ކުދިން ވަނީ އެހޮހޮޅައިން ސަލާމަތް ވުމަށްޓަކައި ހޮރު ކޮނުމަށް މަސައްކަތް ކޮށްފައެވެ. އެކުދިންނާއެކު ހޮހޮޅައިގައި ވަގުތު ހޭދަކޮށްފައިވާ ލިއުޓިނަންޓް ކޮލޯނަލް ޑރ. ޕަކް ލޮހަރަޗުން ވަނީ ހޮހޮޅައިން ސަލާމަތްވުމަށްޓަކައި މޫ ޕާ ފުޓުބޯޅަޓީމުގެ ކުދިން ކުރި މި ހައިރާން ކުރުވަނިވި ކަންތަކުގެ ވާހަކަ ނޫސްތަކާ ހިއްސާ ކުރައްވާފައެވެ.

ޑރ. ޕަކް ލިޔުއްވި ގޮތުގައި ހޮހޮޅައިގައި ތާށިވި ކުދިން އެ ނުރައްކާތެރި ދަނޑިވަޅުގައި ކަންތައް ކުރި ގޮތާމެދު ހައިރާންވެ، އުފާ ވާކަމަށްވަނީ ބުނެފައެވެ. އެގޮތުން ބަނޑުހައި ހޫނުކަމާ އެކުވެސް ގާތަކުގެ ބޭނުންހިފައި އެކުދިން ވަނީ ފަސް މީޓަރު އަޑިޔަށް ކޮނެފައެވެ. އަދި ހުރިހާ ވަގުތެއްގައިވެސް ފުޓުބޯޅަ ޓީމުގެ 25 އަހަރުގެ ކޯޗު ޓީމާ މެދު އަމަލު ކުރެއްވި ގޮތާމެދު ޑރ. ޕަކް ވަނީ ތައުރީފުގެ ބަސްތައް އޮއްސަވާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކާބޯ ތަކެތި ލިބުމުން ކޯޗު ބޭނުންވީ ޓީމުގެ ކުދިން ކެއުމަށާއި އެއްވެސް އަމިއްލަ އެދުމަކާއި ޖެހިލުމެއްނެތި އަމިއްލައަށް ކާން ލިބުނު ކާބޯތަކެތިވެސް ކޯޗުވަނީ އެކުދިން ކެއުމަށްޓަކައި ބޭނުންކުރުމަށްް ދެއްވާފައިކަމަށް ވެސް ޑރ. ޕަކް ލިޔުއްވިއެވެ. އަދި ކޯޗަކީ ރީތި ހިތެއްގެ ވެރިއެއްކަމަށާއި މަސައްކަތަށް އިހުސާންތެރި ބޭފުޅެއްކަމުގައިވެސް ވަނީ ލިޔުއްވާފައެވެ.

ހޮހޮޅައިގެ ބިރުވެރިކަމުގެ ތެރޭގައި އަށާރަ ދުވަސް މޫ ޕާ ފުޓުބޯޅަ ޓީމުން ވަނީ ހޭދަކޮޮށްފައެވެ. އެގޮތުން އެކުދިން ހޮހޮޅައިން ސަލާމަތްކުރުމަށްޓަކައި ދެމަރުހަލާއެއްގެ މަތިން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖުލައި 10 ވަނަ ދުވަހު ހޮހޮޅައިގައި ތާށިވީ އެންމެން ވަނީ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އަންނަ ބުރާސްފަތި ދުވަހު އެކުދިން ގެތަކަށް ދޫކޮށް އާއިލާ ގާތަށް އެނބުރި ދެވޭނެއެވެ.