ޓޮންގާގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް މައްޗަށް ގޮސް، އެ ބަލީގައި އެއް ދުވަހެއްގެ ތެރޭގައި ދެ މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ހަފްތާއިން ހަފްތާއަށް ދަނީ ދެގުނައަށް އިތުރުވަމުންނެވެ. އެގޮތުން މިއަދުގެ އަދަދުތަކަށް ބަލާއިރު، މިހާރު ބަލިޖެހިފަި ތިބި 940 މީހަކު އެބަތިއްބެވެ. މީގެ ދެ ހަފްތާ ކުރިން އަދަދުތައް ހުރީ 176 ގައެވެ. މިދިޔަ ހަފްތާ ހުރީ 411 ގައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ގައުމުގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން ދިއުމާއެކު، ކޮވިޑަށް ޓެސްޓު ކުރުންވެސް ވަނީ އިތުުރުކޮށްފައެވެ.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވީ 62 މީހަކެވެ. އަދި އެ ބަލީގައި މަރުވެފައި ވަނީ ދެ މީހެކެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރ ޑރ. ސައިއާ ޕިއުކަލާ ވިދާޅުވީ، މި ހަފްތާގައި ނިއުޒީލެންޑާއި އޮސްޓްރޭލިއާއިން އަނބުރާ ގައުމަށް ފޮނުވާލި ފަސިންޖަރުންނާއި ގުޅިގެން ޓެސްޓު ކުރި 39 މީހަކު ކޮވިޑަށް ފައްސިވެައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފައްސިވި މީހުންނާއި ގުޅޭ ވޭރިއަންޓް ގެ ކަށަވަރު ކަން ހޯދުމަށް ނިއުޒީލެންޑަށް ސުންކުތައް ފޮނުވާފައިވާ ކަމަށެވެ.

އެ ގައުމުގައި ކޮވިޑާއި ގުޅިގެން ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން އެ ގައުމުގައި ކާފިއުވެސް ހިންފަން ފަށާފައިވުން ހިމެނެއެވެ.

ޓޮންގާ އަކީ ދުނިޔޭގައި ކޮވިޑް ވަރަށް މަދުން ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުގައި މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ 1,382 މީހެކެވެ. އަދި އެ ބަލީގައި މަރުވެފައި ވަނީވެސް ދެ މީހެކެވެ.