ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވެފައި ތިއްބާ ސަލާމަތްކުރި ކުދިން މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށް ތައިލެންޑް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

12 ކުދިންނާއި އެކުދިންގެ ކޯޗް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރާއިރު ހުރިހާ ކުދިން ވެސް މިއަދު ހޮސްޕިޓަލުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. ކުރިން ނިންމާފައިވާ އޮތް ތާރީޚަށް ވުރެ އެއް ދުވަސް ކުރިން ހުރިހާ ކުދިން މިއަދު ހޮސްޕިޓަލުން ދޫކޮށްލަނީ ނޫސްވެރިންނާއި ކުރިމަތިލެވޭ ވަރަށް ނަފްސާނީ ގޮތުން ތައްޔާރުވެފައި ވާތީއެވެ.

މިއަދު ތައިލެންޑްގެ ޓީވީތަކުން ވަގުތުން ދައްކާ ގޮތައް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުދިންނާއި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް މިހާރު ވަނީ ތައިލެންޑްގެ ހެލްތު މިނިސްޓްރީ އާއި ހަވާލު ކޮށްފައެވެ. ކުދިންނާއި އެސުވާލުތައް ކުރެވޭނީ ސައިކޭޓްރިސްޓުން ސުވާލުތައް ޗެކް ކުރުމުންނެވެ.

ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު އޮޕަރޭޝަނަށް ފަހު ހުރިހާ ކުދިން ސަލާމަތްކޮށް މިހާރު ފަރުވާ ދެމުން ދަނީ ތައިލެންޑްގެ ޗިއަންގެ ރާއީ ޕްރަންޗަންނުރޮކް ހޮސްޕިޓަލްގައެވެ. މިޔަންމާ އާއި ތައިލެންޑް ގުޅޭ ބޯޑަރު ކައިރީ ހުންނަ އެހޮސްޕިޓަލްގެ ބޭރުގައި މިހާރު ވެސް ގިނައަދަދެއްގެ ނޫސްވެރިން އެބަތިއްބެވެ.

މިއަދު އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ކުދިން ވެސް އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރާނެއެވެ.

ކުދިން ހޮސްޕިޓަލުން ދޫކޮށްލަން ތައްޔާރުވަމުން ދާއިރު އެކުދިން ދިރިއުޅޭ ސަރަހައްދުތަކުގެ މީހުން ވެސް މިހާރު ގެންދަނީ ކުދިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

ކުދިން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެކުދިންގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރުމަށް ތައިލެންޑް ސަރުކާރުން ވަނީ ނޫސްވެރިން ކިބައިން އެދިފައެވެ.