ތައިލެންޑުގެ އެންމެ ދިގު ހޮހޮޅަ ކަމަށްވާ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައި ތިއްބާ ސަލާމަތްކުރި ވައިލްޑް ބޯރ ފުޓުބޯޅަ ޓީމުގެ ކުދިން މިއަދު މީޑިޔާތަކާއި ވަނީ ބައްދަލުކޮށްފައެވެ. އަދި އެ މީހުން ހޮހޮޅައަށް ކުރި ދަތުރުގެ ވާހަކަތައް ވަނީ ކިޔާދީފައެވެ.

މިއަދު އެ ކުދިން ގެއަށް ފޮނުވާލުމުގެ ކުރިން ހޮސްޕިޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކުދިން ލައްކަ ވާހަކައެއް ކިޔާދިނެވެ.

އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އެ މީހުން ސަލާމަތް ކުރެވުމުން އެއީ"މުއުޖިޒާތެއްގެ"ގޮތުގައި ސިފަކޮށްފައެވެ.

އެ ފުޓުބޯޅަ ޓީމްގެ ކޯޗް ބުނީ، އެ ކުދިން އެ ހޮހޮޅައަށް ދާން ބޭނުންވީ އެފަދަ ތަނަކަށް އެ ކުދިން ގޮސްފައި ނުވާތީ އެކަން ތަޖުރިބާކޮށްލުމަށް ކަމަށެވެ. އޭނާ ބުނީ، އެ ދަތުރަކީ އެއްވެސް ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކުރި ދަތުރެއް ނޫން ކަމަށެވެ. އެގޮތަށް ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް އެ ކުދިން ތިބީ، އެ ދުވަހު އެ އުފަން ދުވަސް ފާހަގަ ކުރާ ކުއްޖާގެ ޕާޓީއަށް ދާން ކަމަށް އޭނާ ބުންޏެވެ. އެ ޕާޓީ އެ މީހުން އެ ހޮހޮޅައަށް ދިޔަ ދުވަހުގެ ހަވީރު 17:00ގައެވެ.

އޭނާ ބުނިގޮތުގައި، އެ ހޮހޮޅާގައި ތަށީވި ހުރިހާ ކުދިންނަށް ފަތަން އިނގޭ ކަމަށެެވެ. އެގޮތުން އެތަނުން ބޭރަށް ނުކުތުމަށް ފަތަން ފެށި ނަމަވެސް، ބޮޑު ފެންގަނޑެއް އެތެރެއަށް ވަދެ ނުކުމެވޭ ގޮތް ނުވީކަމަށް ކޯޗު ބުންޏެވެ. އަދި އެގޮތަށް ބޭރަށް ނުވަދެވުމުން އަނެއްކާވެސް އިތުރަށް ހޮހޮޅައިގެ ތެރެއަށް ވަނީ ކަމަށް އޭނާ ބުންޏެވެ.

އިތުރަށް އޭނާ ބުނިގޮތުގައި، އެ ތަނުން ސަލާމަތްވުމަށް އެ ކުދިން ބިންމަތި ކޮނުނެވެ. އަދި ބަނޑުހައިހޫނުކަން ފިލުވުމަށް ކޮނުނުތާ އަޑިން ފެންވެސް ނަގައިގެން ބުޔެވެ.

އެ ފުޓްބޯޅަ ޓީމާއި ކޯޗު އެ ހޮހޮޅާގައި އެކަނިމާއެކަނި ނުވަ ދުވަސް ހޭދަކުރިއެވެ. އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޓީމުން އެ މީހުންނާއި ހަމައަށް ފޯރުނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. އަދި އެތައް ދުވަހެއްގެ މަސައްކަތުން އެ ކުދިން ސަލާމަތް ކުރިއިރު، އޭގެ ކުރިން އެ ކުދިން ދިރިތިބީ ބިމު އަޑިން ފެން ނަގައިގެން ބޮއެގެންނެވެ.

އެ ކުދިންނަށް މިއަދު އެ ވަނީ ހޮސްޕިޓަލުން ގެއަށް ދެވިފައެވެ. ހުރިހާ ކުދިންނަށް އެ ކުދިންގެ އާއިލާއާއެކު ވަގުތުހޭދަކޮށްލަން އެ ވަނީ ފުރުސަތު ލިބިފައެވެ. އެ ކުދިން ސަލާމަތްކޮށްދިން ޓީމަށް ޝުކުރުވެރިއެވަނީ، އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި މަރުވެ ދިޔަ ޑައިވަރާއި މެދު ހަމްދަރުދީވެ ކަރުނައަޅާ ހާލުގައެވެ.