މެދު އިރުމަތީގެ ޤައުމަކުން، ރެފިއުޖީން ގޮވައިގެން ވިލާތު ސަރަޙައްދަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލައި، އެތައް ބަޔަކު މަރުވެއްޖެއެވެ. މި ނުރައްކާތެރި ޙާދިސާގައި 19 މީހުން މަރުވެފައިވާއިރު، އިތުރު 25 މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ބޯޓުގައި 147 މީހުން ދަތުރުކޮށްފައިވެއެވެ. އަދި، ސަލާމަތް ކުރެވިފައިވަނީ 103 މީހުންކަމަށްވެސް، އެފަރާތްތަކުންވެސް ހާމަކޮށްފައިވެއެވެ.

ތުރުކީގެ ކޯސްޓު ގާޑުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުން ދިޔަ މި ބޯޓު ބަންޑުން ޖަހާލާފައިވަނީ ސައިޕްރަސްގެ އުތުރު އައްސޭރި ފަށުގެ ސަރަޙައްދަށެވެ. އަދި، އެއީ ސައިޕްރަސްގެ ކަރްޕަސް ޕެނިންސޫލާގެ 30 ކިލޯމީޓަރު ދުރު ސަރަޙައްދެއްކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

އެޤައުމުގެ ކޯސްޓު ގާޑުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާއިރު، ވައިގެ މަގުންނާއި ކަނޑު މަގުންވެސް، މި މަސައްކަތުގައި ތުރުކީގެ ކޯސްޓު ގާޑުން ހަރަކާތްތެރިވެފައިވެއެވެ. އަދި، ސަލާމަތްކުރި 103 މީހުންވަނީ ތުރުކީގެ ރަށަކަށް ގެންގޮސް، އެމީހުންނަށް ބޭނުންވާ އަވަސް އެހީ ދިނުމުގެ މަސައްކަތް ފަށާފައެވެ. އޭގެތެރެއިން އެކަކުގެ ޙާލަތު ވަރަށް ސީރިޔަސްކަމަށްވެސް، ތުރުކީން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް، ބަންޑުން ޖަހާލި ބޯޓުގައި ތިބީ ކޮމް ޤައުމެއް ނުވަތަ ކޮން ޤައުމުތަކެއްގެ ރައްޔިތުންކަމެއް، ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ފެށުނީންސުރެ މިހާތަނަށް، މެދުއިރުމަތިން ޔޫރަޕަށް، ރެފިއުޖީންގެ ގޮތުގައި ޔޫރަޮަށް ދަތުރުކުރަން މަސައްކަތް ކުރި މީހުންގެ ތެރެއިން 26 މީހަކު، ގެނބިގެން ނުވަތަ ކަނޑުގެ އެފަދަ ޙާދިސާތަކުގައި މަރުވެފައިވެއެވެ.