ރަޝިއާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތްކުރި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅޭ ސާޖީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ އަށް ނުރައްކާތެރި ވިހައެއްދީ އެމީހުން މަރާލަން އުޅުނު މީހުން ދެނެގަނެވިފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ސްކްރިޕަލް އަކީ ރަޝިއާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތް ކުރި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރަޝިއާގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރަމުން އެގައުމުގެ ސިއްރުތައް އިނގިރޭސިވިލާތައް ފޯރުކޮށްދީފައެވެ. އެކަން ފަޅައިއެރުމުން 2004 ވަނަ އަހަރު ރަޝިއާ އިން އޭނާ ހައްޔަރުކޮށް ޖަލަށްލިއެވެ. ނަމަވެސް އޭގެ ފަހުން އިނގިރޭސިވިލާތާއި ރަޝިއާ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުށްވެރިން ބަދަލުކުރުމުގެ ތެރޭގައި ސްކްރިޕަލް ވަނީ 2010 ވަނަ އަހަރު އިނގިރޭސިވިލާތައް ފޮނުވާލާފައެވެ.

ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ވިހަ ލައިގެން މަރާލަން އުޅުނީ މާޗް މަހުގެ 04 ވަނަ ދުވަހު ލަންޑަންގެ ޕާކެއްގެ ތެރެއިންނެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އަންނަނީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ވިހަ ދީފައި ރަޝިއާގެ ޖާސޫސުން ކަމަށެވެ.

މިއަދު އިނގިރޭސިވިލާތުގެ ފުލުހުން ބުނީ ފޭސިއަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން މިކަން ކުރި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ވަނީ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއް ފަހުން އިނގިރޭސިވިލާތް ދޫކޮށް ރަޝިއާ އަށް ގޮސްފައި ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.

ސީއެންއެން އަށް މައުލޫމާތު ދިން ސަލާމަތީ ކަންތައްތަކާއި ބެހޭ އޮފިޝަލަކު ބުނީ ދެމީހުން ސްކްރިޕަލް އަށް ހަމަލާ ދިނުމަށް ފަހު ޖާސޫސީ ކޯޑެއް ބޭނުންކޮށް ރަޝިއާ އަށް މައުލޫމާތު ދީފައިވާކަން ސައިޕްރަސްގެ ޖާސޫސީ އިދާރާ އަށް އެނގިފައިވާ ކަމަށެވެ.

އެމީހުން ބޭނުން ކުރި ކޯޑްގައި ބުނެފައި ވަނީ "ޕެކޭޖް ޑެލިވަރީ ކޮށްފިން" ކަމަށެވެ.

ސްކްރިޕަލް އަށް ވިހަދިން މައްސަލައިގައި އިނގިރޭސިވިލާތުން ކުރާ ތުހުމަތުތައް ރަޝިއާ އިން ދަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.