އިންޑިއާ އާއި އޮސްޓްރޭލިއާގެ ގުޅުން ބަދަހި ކުރުމަށް ތާރީޚީ ވިޔަފާރީގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ-އޮސްޓްރޭލިއާ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޓްރޭޑް އެގްރީމެންޓަކީ ދެގައުމުގެ ގުޅުން ވަރުވަދަވެގެންދާނެ އެއްބަސްވުމެއް ކަމަށެވެ. އިންތިގާލީ ފްރީ ޓްރޭޑް ޑީލްގެ މަގުސަދަކީ އޮސްޓްރޭލިއާގެ މުދާ އިންޑިއާއަށް އެކްސްޕޯޓް ކުރާ މުދަލުން ނަގާ 85 އިންސައްތަ ޓެރިފް އުވާލުމެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ މުހިންމު ކަމަކަށް އެއްބަސްވެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް އިންޑިއާ އިން ބުނެއެވެ.

މިއީ ހަގީގަތުގައި ވެސް ދެ ގައުމުގެ ގުޅުމަށް ވަރަށް މުހިންމު ވަގުތުކޮޅެއްކަން އެއްބަސްވުމުގައި ސޮއިކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އަލަށް ސޮއިކުރެވުނު ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަޕްލައި ޗެއިންތައް ރެޒިލިއަންސް އަދި އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މެލްބަންގައި ވާޗުއަލްކޮށް މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރޭލިއާގެ މިނިސްޓަރ ފޮރ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމަންޓް ޑޭން ޓެހާންއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރެވުމުން ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ގާއިމުވެ، އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

ފުރަތަމަ ތަގުރީރުގައި ޑޭން ޓެހާން ވަނީ ވިޔަފާރީގެ އެއްބަސްވުމަށް ފުޅާކޮށްދެއްވި ކަމަށްޓަކައި ބޮޑުވަޒީރު މޯދީ އަށާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ޝުކުރު އަދާކުރައްވައިފައެވެ.

އިންތިގާލީ މުއާހަދާ(އިންޓެރިމް ޕެކް)އަށް އަމަލުކުރާ ފުރަތަމަ ދުވަހުވެސް، 6000 އަށްވުރެ ގިނަ ޓެރިފް ލައިން، ޒީރޯ ޑިއުޓީގައި އިންޑިޔާގެ އެކްސްޕޯޓަރުންނަށް ލިބޭނެއެވެ.